ހދ. ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ހަމަޖެހިފަވަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ހަވާލުކޮށްގެންނެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.
ނޮޅިވަރަންފަރުގައި ތަރައްގީކުރުމަށް ހަމަޖެހިފަވާ ސްޕޯޓްސް ކޮންޕްލެކްސްގެ މަސައްކަތް ހަވާލުކޮއްފަވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ރާފިޢުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި މި ދެ މަޝްރޫއު ހިމެނޭހެން ހދ. ނޮޅިވަރަންފަރުގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ ގިނަ މަޝްރޫއުތަކެއްގައި މި ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ.