ޚަބަރު

މި ފަހަރުވެސް ނޭމާއަށް ފުރުސަތެއް ނުލިބުނު


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ބްރެޒިލްއިން ކުޅޭ ފަހު ދެ މެޗަށް އެކުލަވާލި ސްކޮޑުން މި ފަހަރުވެސް ނޭމާއަށް ފުރުސަތު ގެއްލިއްޖެއެވެ.

އަންނަ ހަފުތާގައި ކުޅޭ ފަހު ދެ މެޗުގައި ބޮލީވިއާ އާއި ޗިލީއާ ދެކޮޅަށް ބްރެޒިލް ނުކުންނައިރު، އެ ދެ މެޗަށް ކޯޗު ކާލޯ އެންޗެލޮޓީ އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުން ނޭމާއަށް ފުރުސަތު ގެއްލިފައިވަނީ މިދިޔަ ހަފްތާގައި އޭނާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ވޯލްޑް ކަޕުގެ ޖާގައެއް ބްރެޒިލްއަށް ކަށަވަރުވެފައިވާއިރު, ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އޭނާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. ބާސެލޯނާގެ އިތުރުން ފްރާންސްގެ ޕީއެސްޖީއަށް ކުޅެފައިވާ ނޭމާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ކުރިއަށް އޮތް ދެ މެޗަށް އެކުލަވާލި ސްކޮޑް އިއުލާން ކުރުމަށްފަހު އެންޗެލޮޓީ ބުނެފައިވަނީ އޭނާ އިތުރަށް ނޭމާ ޓެސްޓް ކުރަން ބޭނުންނުވާ ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން ނޭމާ އިތުރަށް ޓެސްޓް ކުރާކަށް. އަހަރެން ބޭނުންވަނީ އޭނާ ފިޓްކޮށް ހުރެ ވޯލްޑް ކަޕުގައި ކުޅުން." އެންޗެލޮޓީ ބުންޏެވެ.

ސައުދީ ލީގުގައި ކުޅުމަށްފަހު ނޭމާގެ ކުރީގެ ކުލަބު ކަމުގައިވާ ސަންޓޯސްއާ ގުޅުމަށްފަހު އޭނާގެ ކުޅުމަށްވަނީ ރަނގަޅު ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މި ސީޒަނުގައި ނޭމާ ކުޅުނު 19 މެޗުގައި އޭނާ ވަނީ ހަ ލަނޑު ޖަހާފަ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ވަސްކޯ އަތުން 6-0 ގެ ނަތީޖާއަކުން ސަންޓޯސް ބަލިވި މެޗުގައި ނޭމާއަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ.