ޚަބަރު

"ވޮކޭޝަނަލް ތަޢުލީމަކީ ޒުވާނުން ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭ"


  • ޒަމާނީ ދާއިރާތަކާ ގުޅޭ ޕްރޮގްރާމްތައް ތަޢާރަފްކުރުން މުހިންމުކަމަށް ވިދާޅުވި

  • އާޓިފިޝަލް އިންޓެލިޖެންސާއި ސައިބަރ ސައިންސްފަދަ ދާއިރާތައް ކުރިއަރުވަންޖެހޭކަމަށް ވިދާޅުވި

ވޮކޭޝަނަލް ތަޢުލީމަކީ ޒުވާނުން ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ވޮކޭޝަނަލް ތަޢުލީމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 50 ދުވަހުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވޮކޭޝަނަލް ތަޢުލީމަށް 50 އަހަރު 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 50 ދުވަހުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަތުރުން ދައްކުވައިދެނީ ދިވެހިރާއްޖޭގައި ފަންނީ ތަޢުލީމު ދިނުން ކުރިއެރުވުމަށްޓަކައި ކުރެވިފައިވާ ގިނަގުނަ މަސައްކަތްތަކާއި އަޅަމުންގޮސްފައިވާ ހަރުދަނާ ފިޔަވަޅުތައްކަމަށެވެ. އަދި މިއަދު މޯލްޑިވްސް ޕޮލިޓެކްނިކަކީ ފަންނީ ގިނަ ދާއިރާތަކުން ޤައުމީ ޚިދުމަތަށް ޒުވާނުން ތަމްރީނުކުރާ ފަޚުރުވެރި ޚިދުމަތްތެރި މުއައްސަސާއެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޕޮލިޓެކްނިކްގެ މިދިގު ދަތުރަކީ އެތައް ޖީލުތަކަކަށް ހިތްވަރުދީ މަސައްކަތްތެރީންގެ އާރާއި ބާރު އިތުރުކޮށް، ޤައުމީ ތަރައްޤީއަށް ގިނަ ނަފާ ހޯދައިދިން ދަތުރެއްކަމަށެވެ. އަދި ވޮކޭޝަނަލް ތަޢުލީމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 50 ދުވަހުގެ ކައުންޓްޑައުންއެއް މިހާރު ފަށާފައިވާއިރު، މިކާމިޔާބީ ހާސިލްވެފައިވަނީ އެތައް ބައެއްގެ ބުރަ މަސައްކަތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ފުރުސަތުގައި މި މުއައްސަސާގެ އެހާރާއި މިހާރުގެ ވެރީންނާއި މުވައްޒަފުން ޕޮލިޓެކްނިކް
ހިންގުމަށްޓަކައި އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ހަނދާންކޮށް އެ ހުރިހާ ބޭފުޅުންނަށް
އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު އަދާކުރަން. މި ފާއިތުވި ފަންސާސް އަހަރު ދުވަހުގެ ތެރޭގައި
ވޮކޭޝަނަލް ތަޢުލީމުގެ ކުރިއެރުމަށް އެޅުނު ކޮންމެ ފިޔަވަޅެއްގެ ފަހަތުގައިވަނީ މިދެންނެވި
ބޭފުޅުންގެ އަގުނުކުރެވޭފަދަ ހިންމަތާއ،ި މިންނަތާއ،ި ފަންވަރާއ،ި ފެންވަރު." މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

މި ކާމިޔާބީ ފާހަގަކުރަމުންދާއިރުވެސް، ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް
އަދިވެސް ހުރިކަން ގަބޫލުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވަސީލަތްތައް ހަރުދަނާކޮށް، އިތުރު ފުރުސަތުތައް ފުޅާކޮށް، ވޮކޭޝަނަލް ތަޢުލީމަކީ ޒުވާނުން ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކޯޑިން، ގްރެފިކް ޑިޒައިން ފަދަ ޒަމާނީ ދާއިރާތަކާއި ގުޅޭ ޕްރޮގްރާމްތައް ތަޢާރަފްކުރުމުގެ އިތުރުން، ތަމްރީނުދޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުން މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މަސައްކަތްތެރިންނަކީ މުސްތަޤްބަލަށް ތައްޔާރު ބަޔަކަށް ހަދަންޖެހޭ. އާޓިފިޝަލް އިންޓެލިޖެންސާއި ސައިބަރ ސައިންސްފަދަ ދާއިރާތައް ތަޢާރަފުކޮށް ކުރިއަރުވަންޖެހޭ. މަސައްކަތުގެ މާހައުލުގައި މިހާރުތިބި ފަރާތްތަކަކީ މުސްތަޤްބަލުގައި ވަޒީފާގެ ބާޒާރަށް ތައްޔާރު ބަޔަކަށް ހެދުމަށްޓަކައި ތަފާތު ކޯސްތައް ހިންގަންޖެހޭ." މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އުފެދިގެން އައީ 1975ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހުއެވެ. އޭރު މިތަން އުފެދިގެން އައީ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުގެ ނަމުގައި މަސައްކަތް ކުރަން ދަސްކޮށްދޭ މަރުކަޒެއްގެ ގޮތުގައެވެ. އޭރު މި ސެންޓަރުން ވެލްޑިންގއާއ،ި ރެފްރިޖަރޭޝަނާއި އިލެކްޓްރިކަލް ވަޔަރިންގ އަދި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުންފަދަ މުހިންމު މަސައްކަތްތަކެއް ދަސްކޮށްދެމުން ދިޔައެވެ.

އޭގެ ފަހުން، 1996ވަނަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަން (މައިޓް)އަށް މި ސެންޓަރުގެ ނަން ބަދަލުކުރެވިގެންދިޔައެވެ. އަދި 1999ވަނަ އަަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން، ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ނަމުގައި ހިންގާ ތަނަކަށް މިތަން ވެގެންދިޔައެވެ. މިއާއެކު، މި މަރުކަޒުގެ ތަޢުލީމީ ފެންވަރު މަތިވެ، ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވިގެންދިޔައެވެ.

އޭގެ އަހަރުތަކެއް ފަހުން، 2010ވަނަ އަހަރުގެ އެޕްރީލްމަހުގެ 12ވަނަ ދުވަހު، ރަޢީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މޯލްޑިވްސް ޕޮލިޓެކްނިކް ރަސްމީކޮށް އުފެދިގެންއައެވެ. އެއާއެކު، މޯލްޑިވްސް
ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ކުރިން ހިންގަމުން އައި ހުރިހާ ފަންނީ ޕްރޮގްރާމްތަކާއި
ކޯސްތައް މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަށަށް ގެނެވުނެވެ.