ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާއަޅައިފިއެވެ.
މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި ނޮޅިވަރަމު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދުގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި އޭގެ އިތުރުން ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިމަޝްރޫއަކީ ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.
ނޮޅިވަރަމުގައި އަލަށް ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްއާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ އެރަށަށް މިފަދަ މަރުކަޒެއްގެ ވަރަށް މުހިންމުކަމަށެވެ. އެރަށަކީ ޒުވާނުންގެ އާބާދީ ބޮޑު ރަށަކަށްވެފައި ކުޅިވަރުގެ ރަށެއްކަމުން މިފަދަ ސެންޓަރެއް ރަށުގައި ގާއިމުވެގެންދިއުމަކީ ކުޅިވަރުގެ ދާއިރާއިން ރަށަށް ލިބިގެންދާނެ ތަރައްޤީއެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިފަދަ ސެންޓަރެއް ރަށަށް ވަރަށް މުހިންމު. މިރަށަކީ ޒުވާނުންގެ އާބާދީ ބޮޑު ރަށެއް. އަނެއްކޮޅުން ވަސީލަތްތައް މަދު ރަށެއްވެސްމެ. އެެހެންކަމުން މިފަދަ ސެންޓަރެއް ސަރުކާރުގެ ފަރާތުން ރަށުގައި ގާއިމުކޮށްދެއްވުމަކީ އަޅުގަނޑުދެކޭ ގޮތުގައި ވަރަށް ބޮޑު ހެޔޮކަމެއް" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތިންހާހާ ގާތްކުރާ އާބާދީއެއް އޮންނަ ނޮޅިވަރަމަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިގޮތުން އެކި ކުޅިވަރުތަކުން މަޝްހޫރު ކުޅުންތެރިން އެރަށުން އުފެދިފައިވެއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ތިންވަނަ ކީޕަރު އިޔާން އަބްދުލްއަލީމް އާއި ކުރިން ގައުމީ ވޮލީ ޓީމުގެ ސެޓަރަކަށް ކުޅުނު ހުސައިން ހަމީދު ފާހަގަކޮށްލެވެއެވެ.