ސިއްހަތު

ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް އޮތް އިތުބާރު ބޮޑުކުރަނީ


ސިއްޙީ ޚިދުމަތަކީ ރާއްޖޭގައި އެޚިދުމަތެއް އެންމެ ގިނަބަޔަކު ހޯދަމުންދާ އެއް ޚިދުމަތެވެ. މިޚިދުމަތް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދަމުންދާއިރު، ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި އަމިއްލަ ކްލިނިކްތަކުގެ ގޮތުގައި މާލެ އާއި އަތޮޅުތައް ހިމެނޭގޮތަށް 89 ކްލިނިކެއް ހިމެނެއެވެ. އަދި ރިޒޯޓްތަކުގައި 29 ކްލިނިކަކަށް ހެލްތް މިނިސްޓްރީން ހުއްދަދެއްވާފައިވެއެވެ.

ސިއްޙީ ޚިދުމަތްދޭ އަމިއްލަ ކްލިނިކްތަކުން އެންމެ އާދައިގެ ސިއްޙީ ޚިދުމަތްތަކުގެ އިތުރަށް މަތީ ފެންވަރުގެ ޚިދުމަތްތައްވެސް  ފޯރުކޮށްދެމުންދެއެވެ.

ސިއްޙީ ޚިދުމަތް ދިނުމުގެ ހުއްދަ އަމިއްލަ ފަރާތްތަކަށް ދެމުންދަނީ މިނިސްޓްރީ އޮފް ހެލްތުންނެވެ. ހުއްދައަށް އެދި އެމިނިސްޓްރީއަށް ހުށައެޅުމުން ހުއްދަ ދެއްވަނީ ކަނޑައަޅާފައިވާ ޝަރުތަކަކަށް ބެއްލުމަށްފަހުގައެވެ. މީގެތެރޭގައި ޑޮކްޓަރު އިންނަވާ ކޮޓަރި ވަކިގޮތަކަށް ބެހެއްޓުމާއި، ބަލިމީހުން ރަޖިސްޓްރީކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބަލިމީހުންނަށް އިށީނދެވޭނެ އިންތިޒާމު ހަމަޖެހިފައިހުރުމާއި، ފާޚާނާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިހުރުން ހިމެނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑޮކްޓަރ ޝީޒާ ޢަލީ ވިދާޅުވީ މި ޝަރުތުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވަނީ މިސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް ދެމުންދާ ތަންތަނުގައިވެސް ހުންނަ ފަދަ މައިގަނޑު އަސާސީ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ އަމިއްލަ ކްލިނިކްތަކުގެ އިތުރަށް 19 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި،  އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ސެނަހިޔާއާއި، ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި، އަމިއްލަ ހޮސްޕިޓަލެއްކަމަށްވާ އޭޑީކޭ ހޮސްޕިޓަލުން ދަނީ އެކި ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ދެމުންނެވެ. މިތަންތަނުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހަސަތޭކައަށްވުރެ ގިނަ ޑޮކްޓަރުން ޙަރަކާތްތެރިވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.