ޕާކިސްތާނުގެ ކުއެޓާގެ ހޮސްޕިޓަލަށް ހޯމަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާއަށްފަހު ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ރަޙީލް ޝަރީފް އެޤައުމުގެ ސިފައިންގެ އިސްވެރިންނާ ރާވަލްޕިންޑީގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ޖެނެރަލް ރަހީލް ޝަރީފް، އަސްކަރީ ވެރިންނާ މަޝްވަރާކުރެއްވީ ޕާކިސްތާނުގެ ކަންކޮޅުތަކުގައި އަމަން އަމާންކަން ގާއިމްކޮށް ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ކަމަށް ސިފައިންގެ މުވައްސަސާއިން ނެރުނު ބަޔާނެއް ބުނެއެވެ.
ކުއެޓާގެ ހޮސްޕިޓަލްގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ޙަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރާފައިވާއިރު އެޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާނުންގެ ގޮތްޕަކުންނެވެ. ޖަމާއަތުލްއަހްރާރުގެ ނަމުން ނަންދީފައިވާ ތާލިބުންގެ އެ ގޮފީގެ ތަރްޖަމާން ވަނީ އެއީ ބަލޫޗިސްތާނުގެ ޤާނޫނީ ވަކީލުންގެ ޖަމްއިއްޔާގެ ރައީސަށް އަމާޒުކޮށް ދިން ޙަމަލާއެއްކަމަށް ކަމަށްބުނެ އެޙަމަލާގެ ޒިންމާ އުފުލާފައެވެ. އަދި މުސްތަޤްބަލުގައި އެފަދަ ޙަމަލާތައް ދޭނެކަމުގެ އިންޒާރުވެސް އެޖަމާއަތުން ދީފައިވެއެވެ.
ކުއެޓާގެ ހޮސްޕިޓަލަށް ބޮމުގެ ޙަމަލާ ދިނީ ބަލޫޗިސްތާނުގެ ޤާނޫނީ ވަކީލުންގެ ޖަމްއިއްޔާގެ ރައީސް ބިލާލް އަންވަރުގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލުމާއި ގުޅިގެން އޭނާގެ ހަށިގަނޑު އެހޮސްޕިޓަލަށް ގެންދިޔުމާއެކު ކުއެޓާގެ ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން އެހޮސްޕިޓަލަށް ޖަމާވެފައިވާ ވަގުތެއްގައެވެ. އެހެންކަމުން އެ ޓެރަރިސްޓް ޙަމަލާގައި ގިނައިން މަރުވެފައިވަނީ އެހޮސްޕިޓަލަށް ޖަމާވެފައިތިބި ޤާނޫނީ ވަކީލުންނެވެ. ކުއެޓާގެ ޙަމަލާއާއި ގުޅިގެން ޕާކިސްތާނުގެ ޤާނޫނީ ވަކީލުންނަށް ކުއްލި ހިތާމައަކާއި ޝޮކެއް ލިބިފައިވާއިރު އެޙަމަލާއާ ދެކޮޅު ހެދުމުގެ ގޮތުން ބަލޫޗިސްތާނާއި ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގެ ޤާނޫނީ ވަކީލުން ވަނީ ކޯޓުތައް ބޮއިކަޓްކޮށް ވަކާލާތު ކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައެވެ.
އެ ޙަމަލާއާއި ގުޅިގެން ޕާކިސްތާނުގައި 3 ދުވަހުގެ މުއްދަތަށް ޤައުމީ ހިތާމަ އިޢުލާންކޮށްފައިވާއިރު ކުއެޓާއާއި އެރަށުގެ ކައިރީގައިވާ ސަރަޙައްދުތަކުގެ ފިހާރަތަކާއި ކުންފުނިތަކާއި ސްކޫލްތަކާއި ޔުނިވަރސިޓީތައްވެސް ވަނީ އެ ހިތާމައިގާ ބައިވެރިވުމުގެ ގޮތުން ބަންދުކޮށްފައެވެ. މިއާއެކު ތާލިބާން ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ޙަމަލާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ބަލިކަށިކަމުގެ ޝަކުވާތައްވެސް އާންމުން ގެންދަނީ ކުރަމުންނެވެ. ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ރަޙީލް ޝަރީފް އެޤައުމުގެ ސިފައިންގެ އިސް ވެރިންނާއި ބައްދަލުކުރެއްވީ ރައްޔިތުންގެ މިޝަކުވާތަކަށް އިޖާބަދީ ޓެރަރިސްޓް ޖަމާއަތްތައް ބަލިކޮށްލެވޭފަދަ އަސްކަރީ ޕްލޭނެއް އެކަށައެޅުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ. ޖެނެރަލް ޝަރީފްވަނީ ޓެރަރިސްޓް ޙަމަލާ އަމާޒުކުރި ކުއެޓާގެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވާފައިވެއެވެ. އަދި އެޙަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އޭނާ ވަނީ ހަމްދަރްދީ ފާޅުކުރައްވާ، ތައުޒިޔާވެސް ވިދާޅުވެފައެވެ.