ޚަބަރު

ބީއެމްއެލް މެދުވެރިކޮށް ޕެންޝަން ފައިސާއިން މިހާރު ގެ ގަނެވޭނެ


ރިޓަޔަރމަންޓް ޕެންޝަން ފަންޑްގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރުގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ބީއެމްއެލްއާއި ޕެންޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ރިޓަޔަރމަންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ގެދޮރުގަނެވޭ ސްކީމާ ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތުދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، އަމިއްލައަށް ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އިކުއިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ އަދަދު ހަމަނުވުން ކަމަށެވެ. އެގޮތުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން މިކަމަށް ރަނގަޅު ޙައްލެއް ލިބިގެންދާނެ ކަމަށް ހީލީ ވިދާޅުވިއެވެ. އަދި ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ  ބޭނުންކުރެވޭ ޢުމުރު ހަމަވުމުގެ ކުރިން، މި ފައިސާ ބޭނުންކޮށްގެން ގެދޮރު ގަތުމުގެ ޑައުންޕޭމަންޓް ފަސޭހަކަމާއެކު ދައްކާލެވޭނެ ފުރުޞަތު މި ސްކީމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް ހީލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕެންޝަން އޮފީހުގެ ފަރާތުން ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ މި ސްކީމްގެ ސަބަބުން ޕެންޝަން ސްކީމްގެ މެންބަރުންނަށް ގެދޮތު ގަތުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ގެދުރު ގަތުމަށް ފައިސާ ރަހުނުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ، މީގެ ސަބަބުން ގެދޮރު ގަތުމަށް ބޭނުންވާ އަމިއްލަ ފަރުދުންނާއި ޢާއިލާތަކަށް މިހާތަނަށް ދިމާވެފައިވާ އެންމެ ދަތި އުނދަގޫ ކަމަކަށްވެފައިވާ، ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ދެއްކުމަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށާއި ބީއެމްއެލް ހޯމް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ރިޓަޔާމަންޓް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ، އަމިއްލައަށް ލޯނަށް އިކިއުޓީގެ ގޮތުގައި ޚަރަދުކުރަންޖެހޭ 20 އިންސައްތައިގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ، ފަންޑުގައި ހުރި ފައިސާއިން އިކުއިޓީއަށް ދައްކަންޖެހޭ އަދަދު ހަމަނުވާނަމަ ލޯނަށް އެދި ހުށަހަޅާފަރާތްތަކުން ބާކީ ބައި އަމިއްލައަށް ހަމަޖެއްސިދާނެ ކަމަށެވެ. އަދި ހޯމް ލޯނަށް އެދި ހުށަހަޅާއިރު ޢާއިލާގެ މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ އެއްކޮށްލައިގެންވެސް ލޯނުގައި ބައިވެރިކުރުމުގެ ފުރުޞަތުވެސް މި ސްކީމްގެ ދަށުން ހުޅުވާލެވިފައިވާ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.