ޚަބަރު

ފުލުހުންނާއި އަޔާދީ ތަކަފުލް އާދެމެދު އެއްބަސްވެއްގައި ސޮއިކޮށްފި


އަޔާދީ ތަކަފުލްއިން ދެމުންގެންދާ ދެ ޚިދުމަތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައިވެެރިވެ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުން ބައިވެރިވީ އަޔާދީ ތަކަފުލްއިން ދެމުންގެންދާ ޗައިލްޑް އެޑިއުކޭޝަން ޕްލޭނާއި، އަޔާދީ އިންވެސްޓްމަންޓު ޕްލޭންގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ކުދިންގެ ތަޢުލީމާއި ބޭސްފަރުވާގެ ކަންތައްތަކާއި، އެހެނިހެން ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު އުޅެންޖެހޭ ފުލުހުންނަށް ދިމާވާ ޖިސްމާނީ އަދި އެހެނިހެން ގޮތްގޮތުން ލިބެމުންދާ ގެއްލުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޔާދީ ތަކަފުލްގެ ޖެނެރަލް މެނޭޖަރ ނިޔާޒް މުޙައްމަދު ވިދާޅުވީ، ޗައިލްޑް އެޑިއުކޭޝަން ޕްލޭނަކީ ފަހަށް ރައްކާކުރުމުގެ އުސޫލުން ކުދިންނަށް ކިޔަވައިދިނުމަށް މަގުފަހިކޮށްދޭ ސްކީމެއް ކަމަށާއި، އަޔާދީ އިންވެސްޓްމަންޓުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް މަހުން މަހަށް ފައިސާ ދައްކައިގެން ބައިވެރިވެވޭނެ ކަމަށެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ. އަދި އަޔާދީ ތަކަފުލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ނިޔާޒް މުޙައްމަދެވެ.