އއ ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
އއ.ފެރިދޫގައި މިހާރު ބޭނުންކުރަމުންދާ ސިއްޙީ މަރުކަޒުގެ އިމާރާތަކީ 2003ވަނަ އަހަރު ޚިދުމަތް ދޭންފެށި މަރުކަޒެކެވެ. ބަލިމީހުން ބެލުމާއި، އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާއާއި އަދި މަރުކަޒުގެ އިދާރީ މަސައްކަތްތައްވެސް ބަލަހައްޓަމުން އަންނަނީ އެ ކުޑަކުޑަ ޢިމާރާތުގައެއެވެ. މިއާއެކު 2023 ވަނަ އަހަރުގެ ތެރޭގައި އެރަށު ސިއްޙީ މަރުކަޒަށް އައު އިމާރާތެއްވެސް އިތުރުކުރިއެެވެ.
ފެރިދޫ ސިއްޙީ މަރުކަޒުން ދުވާލަކު 16ގަޑިއިރު އަންނަނީ ޚިދުމަތް ދެމުންނެވެ. އެވްރެޖްކޮށް އަހަރަކު 4000އަށްވުރެ ގިނަ މީހުން ސިއްޙީ މަރުކަޒުން ޚިދުމަތް ހޯދައެވެ.