ތަޢުލީމު

ޓިވެޓްގެ ކޯސްތައް ޑިޕްލޮމާ ފެންވަރަށް ގެންދަވަނީ


ސްކޫލް ތަޢުލީމު ނިންމާ ދިރިއުޅުމުގެ މައިދާނަށް ނިކުންނަ ދަރިވަރުންނަކީ ތަޢުލީމީ ފުރަތަމަ ހަރުފަތްތައް ގިރާކޮށް، ތަޢުލީމާއި ހުނަރު ޙާޞިލްކުރެވިފައިވާ ދަރިވަރުންތަކެއްގެ ގޮތުގައި ބިނާކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާޞިލްވެވަޑައިގަތުމަށް ތަޢުލީމާއި މަސައްކަތް އުގަންނައިދެއްވުމަށް ސަރުކާރުން އުފައްދަވާފައިވާ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަނަލް ޓްރެއިނިންގ، ޓިވެޓް އޮތޯރިޓީގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ޒުވާނުން ވަޒީފާއަށް ނެރުއްވުމަށް ބޭނުންވާ ތަމްރީނުތައް ދެއްވުމެވެ. މިގޮތުން އެ އޮތޯރިޓީން ގެންދަވަނީ 48 ދާއިރާއަކުން ކޯސްތައް ހިންގަވަމުންނެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރައްވާ މިކޯސްތަކަކީ ސެޓްފިކްޓެ ލެވެލް 1 އިން ފެށިގެން ލެވެލް 4 ގެ ކޯސްތަކެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އައިމިނަތު އަސްރާ ވިދާޅުވީ އެ އޮތޯރިޓީން ހިންގަވާ ކޯސްތައް ޑިޕްލޮމާ ފެންވަރަށް ގެންދެވުމަށް ސްޓޭންޑަރޑްތައް ތައްޔާރުކުރެއްވުމުގެ މަސައްކަތް، އެކަމަށް ޚާއްޞަ ފަރާތްތަކުގެ އެހީތެރިކަމާއެކު މިހާރު ކުރިއަށް ގެންދަވާކަމަށެވެ. އަސްރާ ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ހުރިހާ ދާއިރާއަކުން ޑިޕްލޮމާ ލެވެލްއަށް ކޯސްތައް ކުރިއަށް ގެންދެވުންކަމަށެވެ.

img:http://s1.psmnews.mv/images/660x400/14707201399895.jpg|އެޑިއުކޭޝަން މިނިސްޓްރީއާއި އެޗްޑީސީއާ ގުޅިގެން އިންޓާންޝިޕް ޕްރޮގްރާމެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރަނީ

ޓިވެޓަކީ ވަޒީފާއަށް މީހުން އަހުލުވެރިކުރުވުމާއި، ވަޒީފާއަށް އޮންނަ ބީރަށްޓެހިކަން ފިލުވުމަށް ވަރަށް މުހިއްމު ވަޞީލަތެއްކަން އަސްރާ ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ވަޒީފާތަކަށް ދިއުމަށް މީހުން ޖެހިލުންވާ އެއް ސަބަބަކީ އެވަޒީފާއަކަށްދާ މީހުން މަދުވުންކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބޮޑެތި އަދަދުން މީހުން ތަމްރީން ކުރުމަކީ އެ ޖެހިލުންވުން ކެނޑި، މީހުންގެތެރޭގައި ވަޒީފާއަކަށް ދިއުމުގެ ޝައުޤުވެރިކަން އިތުރުވެ، ވަޒީފާއަށްދާ މީހުންގެ ޢަދަދު ގިނަވެގެންދާ ކަމެއްކަމުގައި އަސްރާ ވިދާޅުވިއެވެ.

އަސްރާ ވިދާޅުވީ ޓިވެޓް އޮތޯރިޓީން ހިންގަވާ ކޯސްތަކުގައި ބައިވެރިވުމަށް ފުޅާ ފުރުޞަތުތަކެއް ހުޅުއްވާލައްވާފައިވާކަމަށެވެ. 

"އެއްވެސް މީހަކަށް އަޅުގަނޑުމެން ހިންގާ ކޯސްތަކުގައި ބައިވެރިނުވެވިއެއް ނުދާނެ. އެހެންނަމަވެސް ވަރަށް ޚާއްޞަ ޝަރުތުތަކާއެކު މެނުވީ ހެލްތް ދާއިރާގެ ކޯސްތަކަށް މެނުވީ އެކޯސްތަކަށް ނުވަދެވޭ. އެކޯސްތަކުންވެސް އަދި އެހެން ކޯސްތަކުންވެސް ކޯހަށް ވަދެވޭނެ ފެންވަރެއް ނެތި، އަދި އޯލެވެލް 3 މާއްދާއިން ފާސް ނެތްނަމަވެސް އޭގެ ދަށް ލެވެލް އިން ފެށިގެން ކުރިއަށްގެންދާނެ. ގްރޭޑް 7 ނިންމާފައިވާ ކޮންމެ މީހަކަށް ލެވެލް 3 ގެ ކޯސްތަކުގައި ބައިވެރިވެނޭ. އެއަށްފަހު ހަރުފަތްތަށް ގިރާކުރަމުން ކުރިއަށްދެވޭނެގޮތަށް ބައްޓަންކޮށްފައިވަނީ. ގްރޭޑް 7 ނުނިންމާ ހުރި ކުއްޖެއްނަމަ ލެވެލް 1 އިން ފަށައިގެން ތަމްރީނުކުރެވޭނެ" އަސްރާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14707202454882.jpg|ޓިވެޓުން ހިންގެވި ފާމަސިސްޓުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޓިވެޓް އޮތޯރިޓީން ދަނީ އަމިއްލަ ފަރާތްތަކުން އެދިގެންނާއި، ރަށްރަށުގެ ކައުންސިލް އިދާރާތަކުން އެދިގެންވެސް ކޯސްތަކެއް ތައްޔާރުކޮށް ހިންގަމުންނެވެ. އަސްރާ ވިދާޅުވީ އެއޮތޯރިޓީން އާމްދަނީ ލިބޭނެ ހުރިހާ ދާއިރާއަކުން ކޯސްތައް ހިންގަމުންދާކަމަށެވެ.

"ދާދިފަހުން ފެށިން ބޮޑެތި ޕްރޮޖެކްޓްތަކެއް. މިގޮތުން އެއަރޕޯޓެއް ތަރައްޤީކުރުމަށް ލިބޭ ކުންފުންޏަކުން އެކި ވަޒީފާތައް ބޭނުންވެގެންދޭ. އެއަރޕޯޓާއެކު ތަރައްޤީކުރުމަށް ރިޒޯޓެއް ލިބިގެންދޭ. އެހެންކަމުން އެއަރޕޯޓް ހަދާ މަރުޙަލާ، ނިންމާ އެތަން ހުޅުވާ އަދި އެތަން ހިންގާ މަރުޙަލާއަށްވެސް ބޭނުންވާނެ ވަޒީފާތަކަށް ގިނަ އަދަދެއްގެ މީހުން ބޭނުންވޭ. އެފަދަ ތަންތަނަށްވެސް ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާ ލިބޭނެ ގޮތް ފަހިކުރުމުގެ ގޮތުންވެސް އެފަދަ ފަރާތްތަކާއި ގުޅިގެންވެސް އެތަނަކަށް ބޭނުންވާނެ ވަޒީފާތަކަށް މީހުން ތަމްރީނުކުރަން" އަސްރާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14707201958496.jpg|އަތޮޅުތެރޭގައި ޓުއަރިޒަމް ދާއިރާއިން ޓްރެއިނިންތަކެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ / ފޮޓޯ: ޓިވެޓް.

ސްކޫލްތަކުގެ ތެރެއިންވެސް ޓިވެޓް އޮތޯރިޓީން ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން ސްކޫލް ނިންމާ ވަޒީފާއަކަށް ތައްޔާރުކުރުމުގެ ގޮތުން ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ކުރިއަށްގެންދާ ދަސްވާރު ހިމެނެއެވެ.

2008 ވަނަ އަހަރު އުފެދުނު ޓިވެޓް އޮތޯރިޓީން އެކި ދާއިރާތަކުން ކޯސްތައް ހިންގަމުންދާއިރު، މިދިޔަ އަހަރު ހަސަތޭކައަށްވުރެ ގިނަ ފަރާތުން ވަނީ ގްރެޖުއޭޓްވެފައެވެ.