މުނިފޫހިފިލުވުން

"މޯލްޑިވިއަން އައިޑަލް" ގެ ސީޒަން ދޭކަށް ތައްޔާރުތައް؟


މޯލްޑިވިއަން އައިޑަލް ސީޒަން 2 މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރަސްމީގޮތުން ލޯންޗްކުރުމަށް ނިންމައިފިއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، "މޯލްޑިވިއަން އައިޑަލް"ގެ ސީޒަން އެކެއް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މި ޝޯވއަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުންގެ އިތުރުން، އެތަކެއް ބެލުންތެރިންނެއްގެ މަޤުބޫލުކަން ލިބިގެންގޮސްފައިވެއެވެ.

ލަވަކިޔުމާއި، މިއުޒިކްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް "މޯލްޑިވިއަން އައިޑަލް" މި ޕްލެޓްފޯމް ވެގެންގޮސްފައިވަނީ ޕީ.އެސް.އެމްގެ ފަރާތުން ހުޅުވާލަދިން ރަނުގެ ފުރުޞަތަކަށެވެ. ރާއްޖޭގެ 5 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އޮޑިޝަންތަކުން ހޮވާލެވުނު ކުދިންތަކުގެ މެދުގައި ވަރަށްވެސް ވާދަވެރި، އަދި އެހާމެ ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ ޝޯވތަކަކަށްފަހު، ގްރޭންޑް ފިނާލޭއިން މޯލްޑިވިއަން އައިޑަލް ހޮވައި ސީޒަން އެކެއް ނިންމާލާފައިވާއިރު، މި ޝޯވއަށް ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

އައިޑަލްގެ ޕްލެޓްފޯމުގައި ވާދަކޮށް، މި ޓައިޓަލް ޙާޞިލުކުރަން ބޭނުންވެފައި ތިބި ޒުވާނުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ޚަބަރެކެވެ. މިކަމަށް ގިނަ ޒުވާނުން އިންތިޒާރުކުރާކަން ސޯޝަލް މީޑިއާގައި ޒުވާނުން ފާޅުކޮށްފައިވާ ޚިޔާލުތަކުންވެސް ވަނީ ފާހަގަކުރެވިފައެވެ.

img:http://s4.psmnews.mv/images/660x400/14622499041257.jpg|ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް، ލައިޝާ ޖުނައިދު / ފޮޓޯ: ޕީއެސްއެމް

"މޯލްޑިވިއަން އައިޑަލް – ސީޒަން 2" ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި، ޕީ.އެސް.އެމްގެ ފަރާތުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން، އައިޑަލްގެ ޕްރޮޖެކްޓުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވޯކްޝޮޕެއްވެސް ވަނީ ފަށާފައެވެ. މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް، އަދި ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، އައިޑަލްގެ ޕްރޮޖެކްޓް ޓީމަށް ޚާއްޞަކޮށްގެން ބާއްވާ ވޯކްޝޮޕްގެ ތެރެއިން، ސީޒަން އެކެއްގައި ކުރެވުނު ތަޖުރިބާގެ އަލީގައި، ސީޒަން ދެއަކަށް ތައްޔާރުވުމުގެ ޕްލޭން އެކުލަވާލެވިގެންދާނެކަމަށެވެ. އަދި މި ވޯކްޝޮޕްގެ ތެރެއިން، ސީޒަން ދޭއްގެ އޮޑިޝަންތައް ބާއްވާނެ ރަށްތައް ކަނޑައެޅުމާއި، އޮޑިޝަންތައް ކުރިއަށް ގެންދާނެ ތާރީޚްތައް ފައިނަލް ކުރެވިގެންދާނެ ކަމަށެވެ.

މިމަހުގެ ތެރޭގައި އޮޑިޝަންތަކުގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލާނެކަމަށާއި، ޖަޖުންނާއި، ޕްރެޒެންޓަރުން ހޮވުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ޒުވާނުންނަށް ފުރުޞަތު ހުޅުވާލާނެކަމަށްވެސް ޝާޔަން ވިދާޅުވިއެވެ.

"ޕްރެޒެންޓަރުންނަށް އޮޑިޝަންއަކަށް ހުޅުވާލާންނަން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި. ދެން ސީޒަން 2 ގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތުވެސް ހުޅުވާލާނަން. ވޯކްޝޮޕް ތެރެއިން ފައިނަލް ކުރާނަން މިފަހަރު އޮޑިޝަނަށް ދާނެ ރަށްތަކާއި، ހުރިހާ ތާރީޚްތަކެއްވެސް" ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14594607956797.jpg|މޯލްޑިވިއަން އައިޑަލްގެ 3 ޖަޖުން / ފައިލް ފޮޓޯ: ޕީ.އެސް.އެމް ނިއުސް

ސީޒަން އެކަކަށް ތައްޔާރުވުމުގެ ގޮތުން ޕީ.އެސް.އެމްގެ ޓީމުން އިންޑިޔާއަށް ތަޖުރިބާ ޙިއްޞާކުރުމުގެ ދަތުރެއް ކޮށްފައިވާއިރު، ސީޒަން ދެއަކަށް ތައްޔާރުވުމުގެ ގޮތުންވެސް މިފަދަ ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިފަހަރުވެސް ފްރެމެންޓަލް މީޑިއާގެ ފަރާތުން ފަންނީ މީހުން ރާއްޖެ އައިސް، ޚާއްޞަ ޓްރެއިނިންގތަކާއި، ކޮންސަލްޓެންސީ ދިނުމަށް ހަމަޖެހިފައިވެއެވެ.

ސީޒަން ދޭއް ސްޕޮންސަރކުރުމުގެ ފުރުޞަތު ޕީ.އެސް.އެމުން ހުޅުވާލާފައިވާއިރު، މިހާރުވެސް ގިނަ ސްލޮޓްތަކެއް ރިޒާވްކޮށްފައިވާކަން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޔަން ފާހަގަކުރެއްވިއެވެ. 

"މިފަހަރު ހަމަ ތަފާތަކަށް ފާހަގަވީ، މިދިޔަ ފަހަރު ސީޒަން 1 ގައި ވަރަށް މަސައްކަތް ކުރަންޖެހުނު ސްޕޮންސަރުންނަށް އައިޑަލް ޕްރޮމޯޓްކުރަން. މިފަހަރު ތަފާތަކީ ސީޒަން އެކެއް ނިމުމާ އެއްކޮށްހެން ސީޒަން 2 އަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުޅުވާލި ހިސާބުން ހަމަ ގިނަ ސްޕޮންސަރޝިޕްތަކެއް ވަނީ ރިޒާވްކޮށް، ނިންމާފައި. އެއީ ވަރަށް ބޮޑު ކުރިއެރުމެއް ޕްރޮޑަކްޝަނަށްވެސް ލިބުނު. އަދި ޕީ.އެސް.އެމްއަށްވެސް ލިބުނު" ޝާޔަން ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއް މި އަންނަ ސެޕްޓެމްބަރު މަހު ލޯންޗްކުރުމަށް ނިންމާފައިވާއިރު، އެކަމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.