ދުނިޔެ

ނާކާމިޔާބު ބަޣާވާތާ ދެކޮޅަށް ތުރުކީގައި އެއްވުމެއް ބާއްވައިފި


ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތާ ދެކޮޅަށް، އެޤައުމުގެ ވެރިކަންކުރާ ޕާޓީއާއި އިދިކޮޅު ފަރާތްތައް ގުޅިގެން ބޭއްވި ބޮޑު އެއްވުމުގައި މިލިޔަނަކަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިސްކޮށް ހުންނަވައިގެން އިސްތަންބޫލްގައި އާދީއްތަ ދުވަހު ބޭއްވި މިއެއްވުމުގައި އެޤައުމުގެ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ތުރުކީވިލާތުގެ ހުރިހާ ފަންތިތަކާއި ގިންތި ތަކެއްގެ މީހުން ޝާމިލްވާގޮތަށް "ޝަހީދުންނާއި ޑިމޮކްރަސީ" ގެ ޝިޢާރުގެ ދަށުން ބޭއްވި މިލިޔަން މީހުންގެ ބޮޑު މި އެއްވުމަކީ ތުރުކީ ސަރުކާރާއި ރައްޔިތުންނާ އަދި އިދިކޮޅު ފަރާތްތައްވެސް ތިބީ ބަޣާވާތާ ދެކޮޅަށް އެކަތި ގަނޑަކަށްވެ އެއްބައިވަންތަ ކަމުގައިކަން ހާމަކުރުމުގެ ގޮތުން ބޭއްވި އެއްވުމެކެވެ. މިއީ ބަޣާވާތް ގެންނަން މަސައްކަތްކުރި މީހުންނަށާއި ބަޣާވާތަށް ތާއީދުކުރި ކަމަށް ބެލެވޭ ބޭރުގެ ފަރާތްތަކަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރުގެ ބާރު ދައްކާލުމުގެ ގޮތުން ބޭއްވި އެއްވުމެއް ކަމަށްވެސް ވަނީ ސިފަކުރެވިފައެވެ.

މިބޮޑު އެއްވުމުގައި އިސްކޮން ހުންނަވައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ބަޣާވާތުގެ ފަހަތުގައިވާ ފަރާތްތަކާއި ދެކޮޅަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އޭނާގެ ސަރުކާރުން އަޅާނެ ކަމަށާއި ބަޣާވާތް ގެންނަން މަސައްކަތްކުރި ލީޑަރުންނަށް އެކަމުގެ ހައްޤު އަދަބު ދެއްވާނެ ކަމަށެވެ. މިކަމުގައި އިންސާނީ ހައްޤުތަކުގެ ނަމުގައި ހުޅަނގުން ތުރުކީވިލާތަށް ކުރިމަތިކޮށްފާނެ އެއްވެސް ފިއްތުމަކަށް ނުބައްލަވާނެ ކަމުގެ އިންޒާރުވެސް އުރުދުޣާން ހުޅަނގުގެ ލީޑަރުންނަށް ދެއްވިއެވެ. އުރުދުޣާންގެ ވެރިކަން ފުރޮޅާލުމަށް ގެންނަން މަސައްކަތްކުރި ބަޣާވާތުގެ ފަހަތުގައިވާ ފަރާތްތަކަށް ހަމްދަރްދީ ފާޅުކުރާކަމާއި އަދި ބަޣާވާތް ކުށްވެރި ކުރުމަށް ފަސްޖެހުނުކަމުގެ ތުހުމަތު ހުޅަނގުގެ ސަރުކާރުތަކުގެ މައްޗަށްވަނީ ކުރެވިފައެވެ. އަދި ބަޣާވާތާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް އެމީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ތުރުކީން މަސައްކަތް ކުރުމުން އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތްފަދަ ހުޅަނގުގެ ބާރުތައްވަނީ އިންސާނީ ހައްޤުތަކުގެ ނަމުގައި ތުރުކީ ސަރުކާރަށް ފާޑުކިޔަން ފަށާފައެވެ.

އިސްތަންބޫލްގައި ބޭއްވި މިލިޔަން މީހުންގެ އެއްވުމުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ބަޣާވާތަށްފަހު ކުރިޔަށްވުރެ މާ ބާރުގަދަ ވެރިކަމެއް ތުރުކީވިލާތުގައި ޤާއިމް ކުރައްވާނެ ކަމަށާއި ބަޣާވާތްތަކުން ސަލާމަތްވެގެންވާ ފުރިހަމަ ދައުލަތަކަށް ތުރުކީވިލާތް ހައްދަވާނެ ކަމަށެވެ. ބަޣާވާތް ނާކާމިޔާބުވުމަކީ ބާރުގަދަ ދައުލަތެއް އުފައްދަން ލިބުނު ފުރުސަތެއް ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. "ޝަހީދުންނާއި ޑިމޮކްރަސީ" ގެ ޝިޢާރުގެ ދަށުން އިސްތަންބޫލްގައި ބޮޑު އެއްވުން ބޭއްވި ވަގުތު ތުރުކީވިލާތުގެ ހުރިހާ ޕްރޮވިންސްތަކެއްގައިވެސް މިޝިޢާރުގެ ދަށުން އެއްވުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ. ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތާއި ގުޅިގެން ހައްޔަރުކުރި މީހުންނާއި ވަޒީފާއިން ވަކިކުރިމީހުންގެ އަދަދު 60،000 އަށް އަރާފައިވާއިރު މިކަމުގެ ފަހަތުގައި ހުންނެވިކަމަށް ތުހުމަތު ކުރެވޭ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެން ހައްޔަރު ކުރުމުގެ އަމުރުވެސް ތުރުކީވިލާތުގެ ކޯޓަކުންވަނީ ނެރެފައެވެ. އެމެރިކާގައި ދިރިއުޅުއްވާ ފަތްހުﷲ ގުލެން ތުރުކީވިލާތާ ޙަވާލުކުރުމަށް ރަސްމީ ސިފައެއްގައި ތުރުކީ ސަރުކާރުންވަނީ އެމެރިކާގެ ކިބައިން އެދިފައެވެ.