ޚަބަރު

ކާރިސީ ހިރާސް ކުޑަކުރުމުގެ ވޯކްޝޮޕެއް ވ.ފުލިދޫގައި ފަށައިފި


އެމްއެންޑީއެފް މާލެ އޭރިއާއިން ވ.ފުލިދޫގައި ކާރިސީ ހިރާސް ކުޑަކުރުމުގެ ވޯކްޝޮޕެއް ފަށައިފިއެވެ.

މިއީ، އެމްއެންޑީއެފް މާލޭ އޭރިއާއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އަދި ވ.ފުލިދޫ ކައުންސިލް ގުޅިގެން ފުލިދޫގައި ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭން ހެދުމުގެ ގޮތުން ކުރިއަށްގެންދާ ވޯކްޝޮޕެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ތައްޔާރުވެތިބުމަށް ރަށު ފެންވަރުގައި ޕްލޭންކުރާނެ ގޮތާއި، ކާރިސާއެއް ދިމާވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގައި ސަރުކާރު އޮފީސްތަކުންނާއި އެކި ޖަމިއްޔާތަކުން މުޅިއަކު 46 ފަރާތަކުން ބައިވެރިވެފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14706352929617.jpg|ވ.ފުލިދޫގައި ކުރިއަށްދާ ކާރިސީ ހިރާސް ކުޑަކުރުމުގެ ވޯކްޝޮޕްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި ވޯކްޝޮޕްގެ ތެރެއިން ރައްޔިތުންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ޕްރޮގުރާމެއްވެސް އެމްއެންޑީއެފް މާލޭ އޭރިއާއިން ވަނީ ފައްޓަވާފައެވެ. މި ޕްރޮގުރާމުގައި އެރަށުގެ 38 ފަރާތެއް ބައިވެރިވެފައިވެއެވެ.