ބ.ދަރަވަންދޫގެ ފުޓްބޯޅަ ދަނޑު އިތުރައް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވިދާޅުވީ ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަކީ އިސްކަންދޭ ސިޔާސަތެއްކަމަށާއި، އެގޮތުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުން ދަރަވަންދޫގެ ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި މިއަހަރާއި އަންނަ އަހަރުވެސް ކުޅިވަރުގެ އިތުރު ވަސީލަތްތައް ދަރަވަންދޫގައި ޤާއިމްކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި ރަށުގައި ފުޓްބޯޅަ ދަނޑެއް އޮތް ނަމަވެސް އެ ދަނޑުގެ ބޭނުން ރޭގަނޑު އޮންނަނީ ނުކުރެވޭ ގޮތްވެފަ، ލައިޓް އަދި ގާއިމްކޮއްފަ ނެތީމަ" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ދަނޑުތައް ގާއިމު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރަކާރުން އެހެން ކުޅިވަރުތަކަށް ބޭނުންވާ ދަނޑުތައް ވެސް ގާއިމުކުރުގެ މަސައްކަތް މިހާރު ފައްޓަވާފަވާ ކަމަށެވެ.
މި ސަރުކާރުން ރަށްރަށުގައި ގާއިމު ކުރަމުންދާ ދަނޑުތަކުގައި އެންމެ ބޮޑު އަމާޒަކީ ހުރިހާ ކަމެއް ނިންމާ ފުރިހަމަ ދަނޑުތަކެއްގެ ގޮތުގައި ރައްޔިތުންނާ ހަވާލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މާނައަކީ ވަށާފަރު ނެތް ރަށްރަށުގައި ވަށާފާރާއި ލެންސާއި، ލައިޓާއި، މިހުރިހާ ކަމެއް ހިމެނޭ ގޮތައް، އެހެންވީމަ މި ރަށުގައި މިއޮތް ދަނޑު، ބަޔަކާ ހަވާލުކޮއްގެން ރޭގަނޑު ވެސް ކުޅެވޭނެ ގޮތައް ލައިޓު ޖެހުމުގެ މަސައްކަތް ވެސް ކޮއްދޭނެ ކަން އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިއަހަރުތެރޭގައި ދަރަވަންދޫގައި ފެށެން ހުރި މަސައްކަތްތައް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ދަރަވަންދޫގެ ކުޅިވަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.