އެމް.އެން.ޑީ.އެފް، މާލޭ އޭރިޔާއިން، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޘާނަވީ ދަރިވަރުންނަށް ހިންގެވި ލީޑަރޝިޕް ޕްރޮގްރާމް ނިންމަވާލައްވައިފިއެވެ. މި ޕްރޮގްރާމް ނިމުން ފާހަގަކުރެއްވުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ.
އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8 ން ފެށިގެން 12 އާ ދެމެދުގެ 88 ދަރިވަރުން ވަނީ ސްޓޫޑެންޓް ލީޑަރޝިޕް ޑިވެލޮޕްމެންޓް ޕްރޮގްރާމް ނިންމައި، ސެޓްފިކެޓް ޙާޟިލްކޮށްފައި. ޕްރޮގްރާމުން އެއްވަނަ ހޯދި އަންހެން ދަރިވަރަށާއި، ފިރިހެން ދަރިވަރަށާއި، ވަކި ވަކި ސްކޮޑްތަކުން ވަނަވަނައަށް އައި ދަރިވަރުންނާ ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ޤައުމު ބިނާކުރުމުގައި ސްކޫލް ކުދިންގެ ދައުރަކީވެސް ވަރަށް ބޮޑު ދައުރެއް ކަމަށާއި، ކިޔެވުމުގެ އިތުރުން، ދިރިއުޅުމުގެ ހުނަރުތައް އެނގިގެން ދިއުމަކީ ކުދިންގެ މުސްތަޤްބަލް ފުރިހަމަވެގެންދާނެ ކަމެއް ކަމަށެވެ. އެމް.އެން.ޑީ.އެފްގެ އިސްނެންގެވުމާއެކު މިފަދަ އެތައް ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވަމުން ގެންދަވާއިރު، ދިވެހި ސިފައިންނަކީ ޤައުމަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް ޚިދުމަތްކުރުމުގައި ނަމޫނާ ބައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސިފައިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14705831456372.jpg|ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރަކަށް ޗީފް އޮފް ޑިފެންސް ފޯސް ހަނދާނީ ލިޔުން ދެއްވަނީ
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާ ގުޅުން ހުރި އެކިއެކި ޕްރޮގްރާމްތަކަށް ޤައުމީ ދިފާޢީ ބާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ދަސްކޮށްދެވުނު ބައިތަކުގެ ތެރޭގައި އިސްލާމީ އަޤީދާއާއި ހަށިގަނޑުގެ ތަރުބިއްޔަތާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ހިމެނެއެވެ. ދެ ދުވަހުގެ ޕްރޮގްރާމް ނިންމާލިއިރު، ދަރިވަރުން އަދިވެސް ތިބީ މިފަދަ ކޭމްޕެއްގެ އިންތިޒާރުގައި ކަމަށް ޕީ.އެސް.އެމާ ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުންޏެވެ.
އެމް.އެން.ޑީ.އެފުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނާ ގުޅުންހުރި ތަފާތު ޕްރޮގްރާމްތައް ހިންގަވަމުންނެވެ. މީގެތެރޭގައި ލީޑަރޝިޕް ޕްރޮގްރާމްތަކާއި، އަލިފާނުގެ ޙާދިސާތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ކަނޑުމަތީގެ ސަލާމަތާ ގުޅޭގޮތުން ދެވޭ ތަމްރީންތައް ފާހަގަކޮށްލެވެއެވެ.