ޚަބަރު

ކަނޑުވި ބަޔަކު އެމްއެންޑީއެފުން ސަލާމަތްކޮށްފި


ފާނަ މަސްވެރިކަންކުރަން މޫދަށްއެރި އުޅުމުގެ ތެރޭގައި ކަނޑުވި ބަޔަކު އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.

މި ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހާދިޘާގައި ސަލާމަތްކޮށްފައިވަނީ 12 މީހުންނާއެކު ފ. ނިލަންދޫން ފާނަ މަސްވެރިކަން ކުރަން ނިކުތް 30 ފޫޓުގެ "ދަހަނާ" ނަމަކަށްކިޔާ ދޯނިން މޫދަށް ފޭބި 8 ދިވެހިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި މީހުން ސަލާމަތްކޮށްފައިވަނީ ދ. ހުޅުވެހި ކިޔާ ފަޅުރަށް ކައިރިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި ބާކީ ތިބި 4 މީހުން އެވަގުތު ދޯނީގައި ތިބިކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ދޯނި މިހާރު ފ. ނިލަންދޫއަށް ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މަޢުލޫމާތުދެއްވައެވެ. މި ހާދިޘާ ހިނގާފައިވަނީ މަސްވެރިކަމު ދިޔަ ދޯނީގެ އިންޖީނު ހުއްޓިގެން ދޯނި އޮޔާ ދިއުމާގުޅިގެން ކަމަށާއި މި ހާދިޘާ ހިނގިކަމުގެ މަޢުލޫމާތު ލިބުނުއިރު މި ދޯނި، މީހުން މޫދަށް ބޭލި ހިސާބަށްވުރެ 2.5 މޭލު ބޭރަށް އޮޔާ ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލުމާތުދެއްވައެވެ.

މިހާދިޘާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 14:50 އެހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.