ޚަބަރު

ޤައުމަށް ޚިދުމަތްކުރުމުގެ ސިޔާސަތެއް އެކުލަވާލަނީ


ވަކި މުއްދަތެއް ވަންދެން ޤައުމަށް ޚިދުމަތް ކުރުމަށް ބާރުއެޅުމުގެ ގޮތުން، ޤާނޫނީ ބާރު ލިބިފައިވާ ސިޔާސަތެއް އެކުލާވާލެއްވުމަށް ނިންމަވާފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

އދ. މަހިބަދޫގައި އިއްޔެ ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، މި ސިޔާސަތަކީ ޒުވާނުންނަށާއި، ސްކޫލް ނިންމާފައި މުޖުތަމަޢަށް ނިކުންނަ ދަރިވަރުންނަށް އަމާޒު ކުރެވޭ ސިޔާސަތެއްކަމަށެވެ. މި ސިޔާސަތުގެ ދަށުން، ޤައުމީ ދިފާޢީ ބާރުގައި، ނުވަތަ ފުލުހުންގެ ވަޒީފާގައި ވަކި މުއްދަތެއް ވަންދެން އުޅުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ޒުވާނުންނަކީ ޤައުމަށް ބޭނުންހިފޭ، ހަރުދަނާ ބަޔަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ ސިޔާސަތެއްގެ ސަބަބުން ޤައުމުގެ ކުރިމަގު ބިނާކުރުމަށް، ޤައުމަށް ތެދުވެރި އަދި އިޚްލާޞްތެރި ދަރިންތަކެއް އުފެއްދިގެންދާނެ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ޙައިސިއްޔަތުން، މިނިސްޓަރ ވިދާޅުވީ، ޤައުމީ ޚިދުމަތް، ތަޢުލީމީ ދާއިރާގެ އާ މަންހަޖުގައި ހިމެނުއްވުމަކީވެސް މުހިންމު ކަމެއްކަމަށެވެ.

img:http://s2.psmnews.mv/images/660x400/14636624525578.JPG|ދިވެހި ފުލުހުން / ފޮޓޯ: ޕޮލިސް މީޑިއާ

ޤައުމީ ޚިދުމަތް ތަޢާރަފްކުރެއްވުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމު ބިނާކުރުމުގައި، ކޮންމެ މިހަކީވެސް ޙިއްޞާއެއް އޮތް މީހަކަށް ހެދުންކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ޤައުމީ ޚިދުމަތް ތަޢާރަފް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ސަވާލު އުފައްދައިފާނެ. މިއީ ކޮންމެ މީހަކީވެސް ޤައުމު ބިނާކުރުމުގައި ޙިއްޞާއެއް އޮންނަ މީހަކަށް ހެދުމާއެކު، ތަފާތު ހުނަރުތައް އަށަގެންނެވުމާއެކު، މީހުންގެ ކިބައިގައި ޤައުމީ ސިފަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ތަޢާރަފްކުރާ ސިޔާސަތެއް" މިނިސްޓަރ ވިދާޅުވިއެވެ. 

ޤައުމީ ޚިދުމަތް ތަޢާރަފްކުރެއްވުމުގެ މަސައްކަތުގެ ދަށުން، ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، ސިޔާސަތު އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.