ތަޢުލީމު

ހިތަދޫ ކެމްޕަހުގައި 2 ބުރީގެ އޮފީސް ޢިމާރާތެއް އަޅަނީ


ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި 2 ބުރީގެ އޮފީސް ޢިމާރާތަކާއި ދަރިވަރުންގެ ޚިދުމަތް ހިމެނޭ ޢިމާރާތެއް އެޅުއްމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ. ހަތަރު މިލިއަންވުރެ ގިނަ ރުފިޔާގެ ބަޖެޓަކުން ބިނާކުރެއްވުމަށް ނިންމަވާފައިވާ މި ދެ ޢިމާރާތުގެ މަސައްކަތް ޙަވާލުކުރެއްވީ، އެސް.ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ، ހިތަދޫ ކެމްޕަހުގައި އަލަށް ބިނާކުރައްވާ ޢިމާރާތުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

މި އެސްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފުއެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދުއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަން ޙަވާލުކުރެއްވި މި މަސައްކަތަކީ ޕީއެސްއައިޕީގެ ދަށުން ކުރައްވާ މަސައްކަތެއް ކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ.