ވިޔަފާރި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ކްރެޑިޓް ސްކީމެއް ތަޢާރަފްކޮށްފި


ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ކްރެޑިޓް ގެރެންޓީ ސްކީމެއް ދިނުމަށް އެމްއެމްއޭއާއެކު ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ސަތޭކަހާސް ރުފިޔާއިން ފެށިގެން އެއް މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ސްކީމެކެވެ.

ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް ތަޢާރަފްކުރައްވާ އެސް.އެމް.އީ ކްރެޑިޓް ސްކީމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމްގެ ހެޑް އިބްރާހީމް ނާޞީރު ވިދާޅުވީ މިއީ ވަރަށް ބޮޑަށް ދިރާސާ ކުރެއްވުމަށްފަހު ތަޢާރަފްކުރެއްވި ސްކީމެއް ކަމަށާއި މިއީ ކުދި ވިޔަފާރިތަކަށާއި މެންފަންތީގެ ވިޔަފާރިތަކަށް ކްރެޑިޓް ލިބުމުގައި އިތުރު ލުއިކަމެއް ގެނެސްދޭނެ ސްކީމެއްކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖަރ ޕަބްލިކް ރިލޭޝަން މުޙައްމަދު ސަޢީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ލޯނު ސްކީމަށް ބަދަލުގެނެސް، މިސްކީމުގެ ދަށުން ލޯނު ދޫކުރަމުން ގެންދާނެކަމަށެވެ. އަދި މިއީ ރަހުނެއް ނުބަހައްޓައި ދޫކުރާ ލޯނެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރައްވައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް ބޭންކުގެ ސީނިއަރ އޮފިސަރ ބިޒްނަސް، ނާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ކަނޑު އުޅަނދުފަހަރު ގަތުމާއި، ވިޔަފާރިތަކަށް ބޭނުންވާ މެޝިނަރީޒް ފަދަ ތަކެތި ގަތުމަށް މި ސްކީމުގެ ދަށުން އިސްލާމިކް ބޭންކުން ފައިސާ ދޫކުރާނެކަމަށެވެ. ފައިނޭންސް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވާނީ ނުވަ އެއް އިންސައްތަކަމަށް އެނާ ވިދާޅުވިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ހުޅުވާލާފައިވާ މި ސްކީމުގެ ދަށުން ފައިނޭންސް ހޯދުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްއިން ހުޅުވާލާފައިވާ ކަމަށް އެ ދެ ބޭންކުން ބުނެއެވެ. 

މި ސްކީމުން އެހީ ލިބޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ކުދި ވިޔަފާރި ނުވަތަ މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި އިކޮނޮމިކް ޑިވޮލޮޕްމެންޓް މިނިސްޓްރީއާއި މީރާގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުމާއި، އެ ވިޔަފާރިއަކަށް ސައްތައިންސައްތަ ދިވެހި ޙިއްޞާ އޮންނަ ވިޔަފާރިއަކަށްވުން ހިމެނެއެވެ.