ޚަބަރު

ޖަޕާނު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުން


ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ކަޒުމީ އެންޑޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ. މިއީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ރެޒިޑެންޓް ސަފީރެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަޕާނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ޖަޕާނު ސަރުކާރުން އަބަދުވެސް ވެދެމުން އަންނަ ދީލަތި އެހީތަކަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ޖަޕާނުގެ އެމްބެސީއެއް ރާއްޖޭގައި ޤާއިމް ކުރުމުގެ ސަބަބުން ދެޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖަޕާނުގެ އައު ސަފީރު ކަޒުމީ އެންޑޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހުންނަ ޖަޕާނުގެ ފުރަތަމަ ރެޒިޑެންޓް ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު ފަޚުރެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔައްތު ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވިއެވެ.