ތަޢުލީމު

އޯލެވެލަށް ކިޔަވާ ދަރިވަރުންނަށް ވީޑިއޯ ކޮންފަރެންސް ކްލާސްތަކެއް


އޯލެވެލް އިމްތިޙާނަށް ދަރިވަރުން ތައްޔާރު ކުރެއްވުމުގެ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސްކޫލްތަކުގެ ދަރިވަރުންނަށް ކްލާސްތަކެއް ނަންގަވައިދެއްވަން ފަށްޓަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާއި ގުޅިގެން ކުރިއަށްގެންދާ މި ކްލާސްތަކަކީ ދަރިވަރުން އޯލެވެލް އިމްތިޙާނަށް ތައްޔާރު ކުރުވައި، އެހެން އަހަރުތަކަށްވުރެ މިއަހަރުގެ އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރަނގަޅުކޮށް، އިތުރު އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއި އަތޮޅުތަކުގެ ޤާއިމްކުރެވިފައިވާ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގުޅުވާލައިގެން މިދިޔަ ޖުލައި މަހުގެ 24 ން ފެށިގެން ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަވާ މި ކްލާސްތަކުގައި ކިޔަވައިދެއްވަނީ ކޮންމެ މާއްދާއަކުންވެސް އެމާއްދާއަކަށް އެންމެ ޤާބިލް ޓީޗަރުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14705543978413.jpg|އޯލެވެލް އިމްތިހާނަށް ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކިޔަވާދެނީ - އެޑިއުކޭޝަން މިނިސްޓްރީ

މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއާއި ބ. ޓީއާރުސީ ގުޅުވާލައިގެން މިދިޔަ ޖުލައިމަހު ކުރިއަށް ގެންދެވި އެކައުންޓިންގ މާއްދާގެ ކްލާހުގައި ބ. އަތޮޅު 6 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މި މަހު ބ. އަތޮޅު 32 ދަރިވަރަކަށް ކެމިސްޓްރީ ކްލާހެއް ނަންގަވައިދެއްވާފައިވާއިރު، 50 ދަރިވަރަކަށް އިނގިރޭސި ކުލާހެއް ނަގައިދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން، މި މަހުގެ އެކިދުވަސްތަކަށް ބައްސަވާލައްވައިގެން ބ. އަތޮޅުގެ ސްކޫލްތަކަށް ކެމިސްޓްރީ، ޓްރެވަލް އެންޑް ޓްއަރިޒަމް އަދި މެރިން ސައިންސް ފަދަ މާއްދާތަކުން އިތުރު ކްލާސްތައް ނަންގަވައިދެއްވުމަށް ރޭވިފައިވާ ކަމަށް އެޑިއުކޭޝަނުން މަޢުލޫމާތުދެއްވައެވެ.

ބ. އަތޮޅުގެ ސްކޫލްތަކުގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީއާއި އައްޑޫ ޓީއާރުސީ ގުޅުވާލައިގެން ދިވެހި ކުލާހެއް ކުރިއަށް ގެންދަވާފައިވާއިރު، ނ. ގއ. އަދި ގދ. އަތޮޅުގެ ސްކޫލްތަކަށް މި ފަދަ އެންރިޗްމަންޓް ކްލާސްތައް ނަންގަވައި ދެއްވުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.