ޚަބަރު

މަނިޔަފުށީގައި އެކުއަކަލްޗަރގެ މަސައްކަތް މިއަހަރު ފަށަނީ


ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ތެރެއަށް ޒަމާނީ ވަޞީލަތްތައް ތަޢާރަފުކުރެއްވުމާއި، އެދާއިރާއިން ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ސަރުކާރުން ގެންގުޅުއްވާ މައިގަނޑު ސިޔާސަތެކެވެ.

ނަމަވެސް މި ސިނާޢަތް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މާރކެޓްގައާއި، އެހެނިހެން ގޮތްގޮތުންވެސް ގޮންޖެހުންތަކެއް ހުރިކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރައްވައެވެ. އެހެންކަމުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ހުރި ގޮންޖެހުންތައް ކުޑަކުރެއްވުމަށް ރައީސް ޔަމީންގެ އިސްނެންގެވުމާއެކު، ރާއްޖޭގައި އެކުއަރ ކަލްޗަރގެ ދާއިރާ ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އަދި މި އަމާޒަށް ވާޞިލްވެވަޑައިގަތުމަށްޓަކައި މިހާރުވެސް ޢަމަލީގޮތުން ގެންދަވަނީމަޝްރޫޢުތަކެއް ހިންގަވަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ކ. މަނިޔަފުށީގައި ސަރުކާރުން ހިންގަވާ މަޝްރޫޢެވެ.

img:http://s3.psmnews.mv/images/660x400/14686658749806.jpg|ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ- ފޮޓޯ:ޕީއެސްއެމް

ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިގޮތުގައި މި މަޝްރޫޢަކީ ވަރަށް ބޮޑު ހޭދައެއް ކުރައްވާ މަޝްރޫޢެއް ކަމުން، ދައުލަތުގެ ބަޖެޓަށް ވިހާވެސް ލުއިވާނެގޮތަކަށް، ޕްރޮޖެކްޓްތަކުން ފައިސާ ހޯއްދަވައިގެން މި މަޝްރޫޢަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އިސްނަންގަވައިގެން މިފަދަ މަޝްރޫޢެއް ހިންގެވުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރު ޙިއްޞާ އޮންނަ، ކަނޑުގެ ދިރުންތައް އާލާކުރާ ތަނެއް ނުވަތަ ހެޗަރީއެއް މެދުވެރިކޮށް، އެތަކެތި ހެޔޮއަގުގައި މަސްވެރިންނަށް ސަޕްލައިކޮށްދެއްވައި، އެކިކަހަލަ މަހުގެ ދިރުންތައް އާލާކުރުމަށް މަސްވެރިންނަށް ހިތްވަރުދެއްވައި، އެކަމަށް ބާރު އެޅުއްވުން ކަމަށެވެ. އަދި މިއީ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރެއްވުމަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށާއި، މިއަހަރުގެ ފަހުކޮޅު މަނިޔަފުށީގެ އޮޕަރޭޝަންސްތައް ފަށްޓަވާނެކަމަށް މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

"މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއި އެއްކޮށް ކުރިއަށްގެންދާ ކަމަކަށްވާތީވެ، އެކި ޕްރޮޖެކްޓްތަކުން އަޅުގަނޑުމެން ފައިސާ ހޯދައިގެން ސަރުކާރުގެ ބަޖެޓަށް އެހާ ބޮޑަށް ބުރަ ނުވާގޮތަކަށް މިކަން އަޅުގަނޑުމެން އެކި އެކި ކޮމްޕޯނަންޓްތައް މިހާރު އައިސް އެ ހަމަވަނީ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު މަނިޔަފުށީގައިވެސް އެހުރިހާ ފެސިލިޓީޒްތަކެއް އައިސްގެން މަސައްކަތް ކުރަންފެށޭވަރު ވާނެ. ސަރުކާރުގެ އަމާޒަކަށް މިއޮތީ، ސަރުކާރު ހިއްސާވާ ނުވަތަ ސަރުކާރުން ގެންގުޅޭ ހެޗެރީއަކުން ކުދި އެއްޗެހި އުފެއްދުމަށްފަހު، އެއިން ވީހާވެސް ގިނަ މަސްވެރިންނަށް ދީގެން ބޮޑެތިކޮށްގެން، އެ އެއްޗެހިތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން. އޭރަށް މަސްވެރިކަމަށް މި އަންނަ ޕްރެޝަރ ކުޑަވާނެ" ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/8980.jpg|ދިވެހިރާއްޖެގެ ސަރަޙައްދުގައި ދިވެހި މަސްވެރިން މަސް ބާނަނީ - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް މަނިޔަފުށީގެ އިތުރުން، ލ. އަތޮޅުގެ 3 ރަށެއްގައި ހުއިފިލަނޑާ އުފެއްދުމުގެ ބޭނުމުގައި ލޯނުދޫކުރެއްވުމުގެ ޕްރޮގްރާމެއް ދާދިފަހުން ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން ހުއިފިލަނޑާ ބޮޑުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލުއިލޯނު ދެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ. އަދި މި ފަރާތްތަކުން ލޯނު ބޭނުންކުރާނީ ކުދި ހުއިފިލަނޑާ ގަތުމަށާއި، އެތަކެތި ދިރުވައި އާލާކުރުމަށް ބޭނުންވާ ކޮށިހެދުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

"ދާދިފަހުން ލ އަތޮޅުގެ 3 ރަށެއްގައި ހުއިފިލަނޑާ އުފެއްދުމުގެ ބޭނުމުގައި ލޯނުދޫކުރާ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްއެބަދޭ. މި ޕްރޮގްރާމަކީ މިއީ ސަރުކާރުގެ ފަރާތުން މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ އަމިއްލަ ފަރާތަކާއި، ކޮންޓްރެކްޓަށް ދީގެން އެބޭފުޅުން ލައްވާ ހުއިފިލަނޑާ އިތުރަށް ދިރުވާ އާލާކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް. މިފަންޑުގެ އެހީގެ ދަށުން ސަރުކާރުން ކުރައްވާކަމެއް" ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވިއެވެ.

މީގެއިތުރުން، މަސްވެރިކަމުގައި ޢާއްމުކޮށް ބޭނުންކުރާ އެން ހޯދުމުގައި، ބައެއް ފަހަރު ބޮޑެތި ތަކުލީފުތަކެއް މަސްވެރިންނަށް އުފުލަންޖެހޭތީ، އެކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންވެސް މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައެވެ. އެ މިނިސްޓްރީން ވިދާޅުވީ، އެމުގެ ގޮތުގައި ބޭނުންކުރެވޭ ބާވަތްތައް ވިއްސައި ބޮޑުކޮށްގެން، އެމުގެ ގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުތަކެއްވެސް ފަށްޓަވައިގެން މިހާރު ކުރިއަށްގެންދަވާކަމަށެވެ.