ހއ. އުލިގަމަކީ، ބިންބޮޑު އަދި ބިމުގެ ނިސްބަތުން މީހުން މަދުރަށެކެވެ. އަދި އެރަށަކީ ދަނޑުވެރިކަމަށް ފަހި ބިންމޮޅު ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަކުރެވެމުން އަންނަ ރަށެކެވެ.
މީގެ ފަންސާހަކަށް އަހަރުކުރިން އެރަށުގައި އުތުރުގެ ދަނޑުވެރި އެހެން ރަށްރަށުގެ މީހުންވެސް ދަނޑުގޮވާންކޮށްފައިވެއެވެ. އެމީހުން އެރަށުގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކޮށްފައިވަނީ އެރަށުގެ މީހުން ދިއްދުއަށް ބަދަލުކުރައްވައި އުލިގަން ފަޅުކޮށް އޮތް ދުވަސްވަރުގައެވެ.
img:http://s2.psmnews.mv/images/660x400/14704699027714.jpg|ހއ. އުލިގަން- ފޮޓޯ: ޕީއެސްއެމް ނިއުސް
އުލިގަމުގެ ރައްޔިތުންނަކީވެސް ދަނޑުވެރި ބައެކެވެ. އެންމެ އިހުޒަމާނުގެ ގޮތަށާއި އަދި މިހާރު ގޮތްތަކަށްވެސް ދަނޑުވެރިކަން ކުރުމުގެ ހުނަރު އެރަށު މީހުންގެ ކިބައިގައި ހުރިކަން ފާހަގަކޮށްލެވެއެވެ. ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު މިރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަށާއި، ދަނޑު ހެއްދުމުގެ ހުއްދައަށް އެދިއްޖެ ކޮންމެ ރައްޔިތަކަށްވެސް އެ ފުރުޞަތު ދެއްވާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
އެރަށުގައި މިހާރުވެސް ދަނޑުވެރިކަން ކުރުމަށް 11 ބިމެއް ދޫކުރައްވާފައިވާކަމަށް ރަށު ކައުންސިލުގެ ރައީސް ޢިމާދު ޢަބްދުﷲ ވިދާޅުވިއެވެ. އަދި ދަނޑުވެރިންނަށް ވީހާވެސް ލުއިފަސޭހަގޮތަކަށް ކަންކަން ކޮށްދެއްވުމަށް ކައުންސިލުގެ ފަރާތުން ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަންކުރާ ފަރާތްތަކަކީ ކައުންސިލުގެ ފަރާތުން ހޯދަންޖެހޭ ހުއްދަލިބިގެން އެކަމަށް ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރައްވާ ކަމެއްކަމަށާއި ދަނޑުބިންތަކުން އެއްވެސް ކުއްޔެއް ނުނަންގަވާ ކަމަށް އުލިގަން ކައުންސިލުން ވިދާޅުވެއެވެ. އެރަށުން މީހުންނަށް ދަނޑުބިން ދޫކުރައްވަނީ ފަހަރަކު 2 އަހަރުދުވަހުގެ މުއްދަތަށެވެ.
img:http://s1.psmnews.mv/images/660x400/14704693508780.jpg|ހއ. އުލިގަމުގެ ދަނޑެއް- ފޮޓޯ: ޕީއެސްއެމް
"އުސޫލެއްގެ ގޮތުން މަންފާއެއް ލިބިގެންދާއިރު ކައުންސިލަށް އެއްވެސް އެއްޗެއް ނުނަގާގޮތަށް، އެގޮތުން ކައުންސިލުގެ އެހީތެރިކަން ލިބިގެންދަނީ ދަނޑު ހެއްދުމުގައި. އަދި ދަނޑު ހެއްދުމުގައި ބިމަކީ ވަރަށް މުހިންމުއެއްޗެއް. ބިމުގެ ބޮޑު އޭރިޔާއެއް ވަނީ ދަނޑު ހެއްދުމަށްޓަކައި މިހާރުވެސް ދޫކުރެވިފައި. ދަނޑު ބިންތައް ދޫކުރަނީ އިޢުލާން ކޮށްގެން. ދަނޑު ބިންތައް ދޫކުރަނީ ގިނަވެގެން ދެއަހަރުގެ މުއްދަތަށް އެހެންނަމަވެސް މުއްދަތު އިތުރުކުރަން އެދެފިކަމުގައި ވަނީނަމަ ކައުންސިލުން ދަނޑު ބިންހަދާފައިވަނީ ޤަވައިދާ އެގޮތް ވާގޮތުގެ މަތިން ކަމުގައި ވަނީނަމަ ބިމުގެ މުއްދަތު އިތުރުކޮށްދޭނެ." އުލިގަން ކައުންސިލުގެ ރައީސް ޢިމާދު ޢަބްދުﷲ ވިދާޅުވިއެވެ.
އުލިގަމުގައި ހައްދާ ގިނަ ބާވަތްތަކުގެ ތަކެތި އުލިގަމުގެ ރައްޔިތުންނަށް ފުދި އިތުރުވާކަމަށް މިރަށު ދަނޑުވެރިން ބުނެއެވެ. އެރަށުގެ ދަނޑުވެރިން އުފައްދާ ތަކެތި އެ އަތޮޅުގެ އެހެން ރަށްތަކަށްވެސް ވިއްކަމުންދާކަން ފާހަގަކޮށްލެވެއެވެ. އުލިގަމުގެ ދަނޑުވެރިން އުފައްދާ ތަކެތި އިތުރަށް ޕްރޮމޯޓްކުރުމަށް އޮތް ފުރުޞަތަކީ ފެރީގެ ނިޒާމުގެތެރެއިން މިކަންކަން ހަމަޖެއްސުންކަމަށް އުލިގަމުން ކައުންސިލުން ވިދާޅުވިއެވެ. އެހެންކަމުން އެފުރުޞަތު ދަނޑުވެރިންނަށް ފަހުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14704697320197.jpg|ހއ. އުލިގަމުގެ ބަނދަރުމަތި- ފޮޓޯ: ޕީއެސްއެ
"ފެރީގެ ނިޒާމުގެ ތެރެއިން ދަނޑުވެރިންނަށް އެފުރުޞަތު ހޯދައިދިނުމަށްޓަކައި ފެރީ ނުއޮންނަދުވަސް ދުވަހުވެސް އަތޮޅު ކައުންސިލާއި ވާހަކަދައްކައިގެން ފެރީ ކެންސަލްވާދުވަސްދުވަހުވެސް ފެރީ ބޭއްވުމަށް މަސައްކަތް ކޮށްދީފައިވާނެ. އަތޮޅު ކައުންސިލާ ވާހަކަދައްކައިގެން ފެރީ އޮންނަ ދުވަސްތައް ވީހާވެސް މިކޮޅަށް ގިނަކުރެވޭ އިންތިޒާމް ހަމޖެއްސޭތޯ. މީގެ އިތުރުން ދަނޑުވެރިންވެސް އަމިއްލައަށް ރަށްތަކަށް އެތަކެތި ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކޮށްފައިވޭ. ހަފްތާއަކު ދެދުވަހު ފެރީ އޮވޭ. އަދި ހދ އަށް ވެސް ފެރީ ދަތުރު އޮވޭ. ސަރުކާރުން ވަނީ ފެރީ ކުރާ ފަރާތެއްގެ ގޮތުގައި އެމްޓީސީސީ ހަމަޖައްސާފަ" އުލިގަން ކައުންސިލުގެ ރައީސް ޢިމާދު ޢަބްދުﷲ ވިދާޅުވިއެވެ.
އުލިގަމުގެ ދަނޑުވެރިންނާއި ވާހަކަ ދައްކާލުމުން އެ މީހުން ބުނީ ތަކެތި ވިއްކުމުގައި ދިމާވާ ދަތިތަކަކީ ރަށުން ބޭރަށް ތަކެތި ފޮނުވުމުގައި ދިމާވާ ދަތިތައްކަމަށެވެ. އަދި މި މަސައްކަތުން ރަނގަޅު ނަފާއެއް ލިބޭކަމަށްވެސް ދަނޑުވެރިން ވަނީ ބުނެފައެވެ.
އެ ރަށުގެ ދަނޑުވެރިންނަށް ދަނޑުވެރިކަމުގެ ހުނަރު ތަރައްޤީކޮށް، ގަސްގަހަށްޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ ކަންތަކާ ގުޅޭގޮތުން ދަނޑުވެރިކަމާބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށްވެސް އުލިގަމު ކައުންސިލުން ވިދާޅުވެއެވެ.