ޚަބަރު

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާއިން ބޭއްވި މެޑިކަލް ކޭމްޕު


އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އއ. އަދި އދ އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕު ނިންމަވާލައްވައިފިއެވެ.

މި މަހުގެ 2 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މެޑިކަލް ކޭމްޕު، އއ. ތޮއްޑޫ، ރަސްދޫ މަތިވެރި، އުކުޅަސް، ހިމަންދޫ، ފެރިދޫ، މާޅޮސް އަދި ބޮޑުފޮޅަދޫގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި އދ. އަތޮޅުގައި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މަހިބަދޫ، ހަންޏާމީދޫ، އަދި މާމިނގިލީގައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި ކޭމްޕުގައި ބަލި މީހުން ބަލާފައިވަނީ، ތަފާތު 3 ދާއިރާއަކުން ޚާއްޞަވެފައިވާ އިންޑިއާގެ އަސްކަރިއްޔާގެ ޑޮކްޓަރުންގެ ޓީމަކުންނެވެ. މިގޮތުން އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް މި ކޭމްޕްގައި ބަލިމީހުން ބަލާފައިވެއެވެ.

މި ކޭމްޕް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް އދ. މާމިނގިލީ ހެލްތް ސެންޓަރަށް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އިއްޔެ ޒިޔާރަތްކުރައްވައި، މެޑިކަލް ކޭމްޕް ހިނމުންދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.

އަރިއަތޮޅުގެ ރަށްތަކުގައި ހިންގި މި މެޑިކަލް ކޭމްޕުގައި 11 ރަށުން ޖުމުލަ 648 ފަރާތެއް ބަލާފައިވާއިރު، އޭގެ ތެރޭގައި އަންހެނުންގެ ބަލިތަކުގެ 135 ބަލި މީހުންނާއި، ކުޑަކުދިންގެ ބަލިތަކުގެ 242 ބަލި މީހުންނާއި އެތެރެހަށީގެ ބަލިތަކުގެ 261 ފަރާތެއް ބަލާފައިވެއެވެ. އަދި އިމަޖެންސީގައި އިތުރު 10 ފަރާތެއް ބަލާފައިވެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ހިންގުނު މި މެޑިކަލް ކޭމްޕަށް، ކޭމްޕު ހިންގުނު ރަށްތަކުންވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައެވެ.