ޚަބަރު

ނައިފަރުގެ ފެނާއިނަރުދަމާ ޤާއިމްކުރުމަށް ފަންޑު ހަމަޖެހިއްޖެ


ފާދިއްޕޮޅު ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރެއްވުމަށް ބޭނުންވާ ފަންޑު، ބޭރުގެ އެހީދޭ 2 ޖަމާއަތަކުން ހަަމަޖައްސައިދެއްވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އާބާާދީބޮޑު ރަށްތަކުގެ ތެރެއިން ނައިފަރަކީ، ރަށުގެ ފެން ފަށަލަ ހަލާކުވެ، ފެނުގެ ނިޒާމަކާއި، ނަރުދަމާ ނިޒާމެއް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ. އެރަށުގައި 5،400 މީހުންގެ އާބަދީއެއް ދިރިއުޅެމުންދެއެވެ. 

ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ނައިފަރުގެ ފެނުގެ ނިޒާމަށް ފަންޑު ހަމަޖައްސައިދެއްވާފައިވަނީ އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކު، އައި.ޑީ.ބީން ކަމަށާއި ނަރުދަމާ ނިޒާމަަށް ފަންޑު ދީފައިވަނީ، އޮޕެކް ފަންޑް ފޮރ ޑިވްލޮޕްމަންޓުން ކަމަށެވެ.

މިހާރު ކުރިއަށްދަނީ ޑިޒައިންގެ މަސައްކަތް ކަމަށާއި، ސެޕްޓެމްބަރު މަހުގެ ތެރޭގައި ނައިފަރުގެ ފެނާއި ނަރުދަމާ، ބީލަމަށް ހުޅުވާލާނެ ކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.