ޚަބަރު

އަބުރުގެ ބިލަށް ޚިޔާލު ހޯއްދެވުން ހުއްޓަވާލައްވައިފި


އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ބިލް ދިރާސާކުރައްވާ މަޖިލީހުގެ ކޮމެޓީން އެކަމާއި ގުޅުން ހުރި އެކި ފަރާތްތަކާއި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދެއްވުމަށް ކުރައްވަމުން ގެންދެވި މަސައްކަތް ނިންމަވާލައްވައިފިއެވެ.

މި މަޝްވަރާތައް ނިމުމަކަށް މި ގެންނެވީ ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން އެންމެ އިސް ފެންވަރެއްގައި މަސައްކަތްކުރައްވާ 9 މީޑިއާއަކާއި، މީޑިއާ ރެގިއުލޭޓް ކުރައްވާ ފަރާތްތަކާއި ފިޤްހު އެކަޑަމީ ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ 13 ފަރާތަކަށް ދައުވަތު ދެއްވާ ކޮމެޓީން އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާތައް ހޯދެއްވުމަށް ފަހުގައެވެ.

ބިލް ދިރާސާކުރައްވާ ކޮމެޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް ވިދާޅުވީ އިތުރު ފަރާތްތައް ކޮމެޓީއަށް ހާޒިރުކުރުމާއި އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތު ނިމުމަކަށް ގެންނެވީ ފިޤުހު އެކަޑަމީގެ ބޭފުޅުންނާއި އެކު ރޭ ބޭއްވެވި ބައްދަލަވުމުގައި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ސ.އ.ވ) ގެ ސުންނަތަށް ރިއާޔަތްކުރައްވާ ދީނީ އިލުމުވެރިން ދެއްވި މަޢުލޫމާތާއި ލަފާފުޅުތަކަށް ރިޢާޔަތް ކުރައްވާ ކަމަށެވެ. މިގޮތުން ދިނީ ގޮތުން އެހާ ސާފުކޮށް އޮތްކަމެއް ސާފުވެވަޑައިގަތުމުން އިތުރަށް ބަހުސްކުރާނެ ތަނެއް އޮތްކަމެއް ކަމަށް ކޮމެޓީއަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޚަލީލު ވިދާޅުވިއެވެ. އަދި ކޮމެޓީއަށް މަޢުލޫމާތު ހިއްސާކުރެއްވި މީޑިއާތަކުން ބިލްގައިވާ ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާ ކަމަށާއި އާއްމުކޮށް ހުރީ އެއް ވާހަކަތަކެއް ކަމުން ކޮމެޓީއަށް ބިލް ދިރާސާ ކުރެއްވުމަށް ބޭނުންވާ މިންވަރަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް އަބްދުﷲ ޚަލީލު ވިދާޅުވިއެވެ.

ބިލްގެ ދިރާސާ މަރުޙަލާގައި އެއްވެސް ބައެއްގެ ޚިޔާލު އިތުރަށް ނުހޯދެއްވުމަށް ކޮމެޓީން މިއަދު ނިންމެވީ އެކޮމެޓީގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެޑައިގެން ތިއްބެވި 9 މެމްބަރުންގެ ތެރެއިން 7 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ބިލަށް ދިރާސާ ކުރައްވާ ކޮމެޓީން ފިޤުހު އެކަޑަމީއާއި އެކު ރޭ ބޭއްވެވި ބައްދަލުވުން ޕީއެސްއެމްގެ ޗެނަލްތަކާއި ރާޢްޖޭގެ އެންމެ ހަރަކާތްތެރި ބައެއް މީޑިއާތަކުން ވަގުތުން ގެނެސްދީފައިވެއެވެ.

ކޮމެޓީގެ މުޤައްރިރު އަބްދުﷲ ޚަލީލު ވިދާޅުވީ ބިލަށް ލިބިފައިވާ ޚިޔާލުތަކާއި މަޢުލޫމާތުތައް ދިރާސާކުރުމަށްފަހު ބިލަށް ގެންނަވަންޖެހޭ އިސްލާޙުތައް ގެންނަވާ ބިލުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ.