ޚަބަރު

ސްނައިޕަރެއް ގެނައި މައްސަލާގައި 4 މީހަކަށް ދައުވާ ކުރަނީ


ބަޑި ޖަހައިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ސްރީލަންކާގެ ސްނައިޕަރެއް ގެނައި މައްސަލާގައި އެ ސްނައިޕަރާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި އިތުރު 2 މީހެއްގެ މައްޗަށް ދަޢުވާ ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ހުށައަޅުއްވައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދަޢުވާކުރައްވާ އަނެއް ދެމީހުންނަކީ މ. ލިލީޕާކް ފަޒީލް ޙަމީދާއި، ގ، އޮއިވާލި އިސްޙާޤު ޙުސައިނެވެ.

ދައުލަތުގެ ދަޢުވާގައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް އަމާޒަށް ބަޑީ ޖަހާ މީހަކު، އަޙްމަދު އަދީބާއި ފަޒީލް ޙަމީދާ ދެމީހުންވެގެން ހޯދައި، އެމީހާ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންގެ އެދުމުގެ މަތިން ސްރީލަންކާ ސުނައިޕަރު ރާއްޖެ އައިސްފައިވާތީ އޭނާގެ މައްޗަށްވެސް ދަޢުވާ އުފުލާފައިވެއެވެ.

މީގެ އިތުރުން އަޙްމަދު އަދީބުގެ އެދުމުގެ މަތިން އެކަމަށް ބޭނުންވާ ފައިސާ ސްރީލަންކާގެ ސުނައިޕަރާ ހަމައަށް އިސްޙާޤު ޙުސައިން ގެންގޮސްދީފައިވާ ކަމަށްވެސް ދައުލަތުގެ ދަޢުވާގައި ބަޔާން ކުރައްވާފައިވެއެވެ.