ދީން

"މަސްޖިދު ޒައިދު ބިން ޘާބިތު" ހުޅުވައިފި


ހުޅުމާލޭ ސަހަރާ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ބިނާ ކުރެއްވި، މަސްޖިދު ޒައިދު ބިން ޘާބިތު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. 

މަސްޖިދު ޒައިދު ބިން ޘާބިތަކީ ހުޅުމާލޭގައި ބިނާކުރެއްވި 5 ވަނަ މިސްކިތެވެ.  މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސްއާއި، މިނިސްޓަރުންނާއި، ރަސްމިއްޔާތުގެ ބައިވެރިންނާއި، ހުޅުމާލޭގެ ބައެއް ރަށްވެހިން ވަނީ މިއަދުގެ އަޞްރު ނަމާދު ޖަމާޢަތުގައި ކުރައްވާފައެވެ. އިމާމުވެ ނަމާދުކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒިޔާދުއެވެ.

ދެ ބުރިއަށް ޢިމާރާތްކުރައްވާފައިވާ މި މިސްކިތުގައި އެއްފަހަރާ 650 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އަދި މިސްކިތުގެ ގޯތި ތެރޭގައި ބޮޑު ޖާގައެއް އޮތުމާއެކު، ހުކުރު ނަމާދާއި، ޢީދު ނަމާދު ފަދަ ބޮޑު ޖަމާޢަތުގައި ކުރާ ނަމާދުތައްވެސް އެއްވެސް ދަތިކަމެއް ނެތި ކުރެވޭނެއެވެ. މިސްކިތުގެ ނަމަށް ބަލާލާއިރު، ނަން ނިޞްބަތްވަނީ ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ ޞަޙާބީއެއް ކަމުގައިވާ ޒައިދުގެފާނަށެވެ. ޒައިދުގެފާނުގެ ނަމުން ނަންދެއްވި ސަބަބަކީ، ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރައްވާ ސިޓީއަށްވުމުން، ޒައިދުގެފާނަކީ އިސްލާމްދީނަށް ނަޞްރު ހޯއްދަވައިދެއްވުމުގައި ނަމޫނާ ޒުވާން ބޭކަލެއްކަން މިއަދުގެ ޒުވާންޖީލަށް އަންގައިދިނުމެވެ. 

img:http://s1.psmnews.mv/images/660x400/14703221220226.jpg|ހުޅުމާލޭގައި ބިނާކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް  

އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒިޔާދު ވިދާޅުވީ، ހުޅުމާލޭ ސަހަރާ ހިމެނޭ ސަރަޙައްދުގައި މިސްކިތެއް ބިނާ ކުރެއްވުމުގެ ވިސްނުންފުޅަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވިސްނުންފުޅެއް ކަމަށެވެ. ހުޅުމާލެއަކީ އެންމެ ބޮޑަށް އާބާދީ އިތުރުވަމުންދާ ސަރަޙައްދަކަށް ވުމާއެކު، ދިނީ ރޮނގުން ހުޅުމާލޭގައި ކުރިއަށްގެންދަވަން ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. "ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަދިވެސް އިތުރު މިސްކިތްތައް ބިނާ ކުރުމަށް ހަމަޖެހިފައިވޭ. އަޅުގަނޑުމެންނާއި، އެޗް.ޑީ.ސީއާއި ގުޅިގެން ހުޅުމާލޭގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ. ބިންވެސް ހަމަޖެހިފައި އޮތީ. ހުޅުމާލޭގެ އާބާދީއަކީ ވަރަށް ބާރަށް ކުރިއަރަމުންދާ އާބާދީއެއް. އެ މިންވަރަށް މި ތަނުގައި ދީނީގޮތުން ހުންނަންޖެހޭ ކަންތައްތައްވެސް ފުރިހަމަކޮށްދޭނަން. " މިނިސްޓަރ ވިދާޅުވިއެވެ

img:http://s3.psmnews.mv/images/660x400/14703221446799.jpg|ހުޅުމާލޭގައި ބިނާކޮށްފައިވާ މަސްޖިދު ޒައިދް ބިން ޘާބިތު / ފޮޓޯ: ރައީސް އޮފީސް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގެ ސިނާޢީ ސަރަޙައްދުގައި މިސްކިތެއް ހުޅުވިގެން ދިއުމަކީ މި ސަރަޙައްދުގެ މަސައްކަތްތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. "ސިނާޢީ ސަރަޙައްދަކީ ވަރަށް ބާރަށް ތަރައްޤީވަމުންދާ ސަރަޙައްދެއް. މިހާތަނަށް އައިއިރު މި ހިސާބުގައި އުޅޭ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ މިސްކިތެއް ނެތުމުގެ މައްސަލަ. މި މިސްކިތާއެކު އެ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. އަދި މީހުން ވަޅުލުމުގައި، ކަށު ނަމާދު ކުރުމަށް އޮތް ހުރަސްތައްވެސް ނެތިގެންދާނެ ކަމެއް މި ސަރަޙައްދުގައި މިސްކިތް ހުޅުވުމަކީ" ސައިމަން ވިދާޅުވިއެވެ. 

10 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ބިނާ ކުރައްވާފައިވާ މިމިސްކިތް ހުޅުވާފައިވަނީ މަސައްކަތް ފެއްޓެވިތާ 130 ދުވަހުގެ ތެރޭގައެވެ.