ޚަބަރު

އުރީދޫއާއި ޖޭސީއައިއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


ޒުވާނުންނަށް ކުރިއެރުމުގައި ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އުރީދޫއާއި ޖޭސީއައި މޯލްޑިވްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު އުރީދޫ އޮފީހުގައި ކުރިޔަށްގެންދިޔަ މި ރަސްމިޔާތުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހައެވެ. ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމެވެ.

މި އެއްބަސްވުމުގެ ދަށުން މުޖުތަމަޢަށް ހެޔޮބަދަލުތަކެއް ގެނައުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމާއި، ޒުވާނުން ބާރުވެރި ކުރުމަށްޓަކައި ޖޭސީއައި މޯލްޑިވްސްއިން ކުރާ މަސައްކަތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން އުރީދޫގެ ސިއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިރާއްޖެއަށާއި ކުރިއަށްއޮތް ޖީލުތަކަށް ފަހި މުސްތަޤްބަލެއް ހޯދައިދިނުމުގައި ޒުވާނުންގެ ދައުރު މުހިންމު ކަމަށެވެ. އަދުގެ ޒުވާން ޖީލު ބާރުވެރިކޮށް ޒުވާނުންގެ އުންމީދުތަކާއި ހުވަފެންތައް ހަޤީގަތަކަށް ހެދުމުގައި ޖޭސީއައި މޯލްޑިވްސް އާއި ގުޅުމަކީ އުފަލެއްކަމަށް ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރި ކުރުމަށްޓަކައި ޖޭސީއައި މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކުންފުނީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މި މަހުގެ ތެރޭގައި ކުރިޔަށްގެންދާ ޙާއްސަ ކެމްޕެއިންގެ ފުރަތަމަ ހަރަކާތް ކަމަށް އުރީދޫން މަޢޫލޫމާތުދެއެވެ. ޖޭސީއައިގެ ފަރާތުން ވާހަކަދައްކަވަމުން ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް ރޭވިފައިވާ ޕްރޮޖެކްޓްތަކާއި ކެމްޕެއިންތަކުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިއުމަކީ އުންމީދެއް ކަމަށެވެ.

ޖޭސީއައިއަކީ ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. މާލެއާއި، މާލެއަތޮޅުގެ އިތުރުން އައްޑޫ އަތޮޅުގައި ޖޭސީއައިގެ 120 ވުރެ ގިނަ މެމްބަރުން ހިމެނެއެވެ.