ޚަބަރު

"ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ" ތަރައްޤީ ކުރެއްވުމުގެ އެއްބަސްވުން


ސަލްޓަންޕާރކް ތެރޭގައި ހުރި އުސްގެކޮޅު "ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ" އެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއި، އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަން – އާރކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ހައުސިންގ މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މި ރަސްމިޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒުއެވެ. އަދި އާރކުގެ ފަރާތުން ސޮއިކުރެއްވީ، އާރކްގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ޒީނާ ޒާހިދުއެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އެތަން ތަރައްޤީކުރެވިގެން ދާއިރު އެތަންވާނީ ކުޑަކުދިންނަށް ޝައުގުވެރިވާނެ ފަދަ ތަނަކަށް ކަމަށެވެ. ރާއްޖޭގެ މިގޮތަށް ހުންނަ ތާރީޚީ ތަންތަން ރަނގަޅުގޮތުގައި ދަމަހައްޓައި، މިފަދަ ތަންތަނުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އާރކްގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ޒީނާ ޒާހިދު ވިދާޅުވީ އެތަން ތަރައްޤީކޮށް ނިމިގެންދާއިރު، މީހުންގެ މެދުގައި މަޤުބޫލް ތަނަކަށް އެތަން ވެގެންދާނެ ކަމަށެވެ.

ސަލްޓަން ޕާރކްގައި ހުންނަ އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި މިއަހަރު ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.