ދުނިޔެ

އީކޭ-521 ގައި ރޯވި އަލިފާން ނިއްވަން އުޅުނު މީހަކު މަރުވުން


އިންޑިޔާގެ ޓްރިވެންޑްރަމްއިން ދުބާއިއަށް ދަތުރުކުރި އެމިރޭޓްސް އެއަރލައިންގެ މަތިންދާ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި، އަލިފާން ނިއްވުމަށް މަސައްކަތްކުރި ޓީމުގައި ހިމެނޭ މީހަކު މަރުވިކަން އެ އެއަރލައިނުން ހާމަކޮށްފިއެވެ.

އެމިރޭޓްސްގެ ޗެއަރމަން ޝައިޚް އަހްމަދު ބިން ސަޢީދު އާލް މަކްތޫމް ވިދާޅުވީ، ޓްރިވެންޑްރަމްއިން ދުބާއިއަށް ދަތުރުކުރި އީކޭ ފައިވް ޓޫ ވަންގައި އަލިފާން ރޯވީ ކުއްލި ޙާލަތުއި އެބޯޓު ދުބާއި އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ފަހުގައި ކަމަށާއި، އަލިފާންގަނޑު ނިއްވުމަށް މަސައްކަތްކުރި ޓީމުގައި ހިމެނޭ އެކަކު އެޙާދިސާގައި މަރުވި ކަމަށެވެ.

275 މީހުންނާއިއެކު އިންޑިޔާގެ ޓްރިވެންޑްރަމްއިން ދުބާއީއަށް ދަތުރުކުރީ އިމަރޭޓްސް އެއަރލައިންގެ ބޮއިންގް ހަތެއް ހަތެއް ހަތެއްގެ މަރުކައިގެ މަތިންދާބޯޓެކެވެ. އެބޯޓު ދުބާއި އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖެއްސީ ކުއްލި ޙާލަތުގައި ކަމަށާއި ބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްވީ ވަރަށް ހަނިގޮތަކަށް ކަމަށްވެސް ޝައިޚް އަހްމަދު ބިން ސައީދު އާލް މަކްތޫމް ވިދާޅުވިއެވެ. މި ހާދިސާގައި އެބޯޓުގެ ބޮޑުބައި ވަނީ އަނދާ ހުލިވެފައެވެ. ޝައިޚް އަހްމަދު ބިން ސަޢީދު ވިދާޅުވީ، މިއީ އިމަރޭޓްސް އެއަރލައިންއަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމުގެ ތަޙްޤީޤުތައް ފަށާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.