90 ޕްލަސްއިން އިންތިޒާމުކުރާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޓީމުތައް ހޮވުމަށް ބާއްވާ ކޮލިފައިން މުބާރާތްތަކުގެ ތެރެއިން މ. އަތޮޅުގެ ކޮލިފައިން ބުރު މުލަކުގައި ބޭއްވުމަށް އެ ރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ނައިންޓީ ޕްލަސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޖަމިއްޔާގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ނައިންޓީ ޕްލަސްގެ ކޯ ފައުންޑަރ މުހަންމަދު ޝާޒްލީއެވެ. އަދި މުލަކަތޮޅު މުލަކު ކައުންސިލުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލުގެ ރައީސް އަހުމަދު ޖަމާލްއެވެ.
އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނައިންޓީ ޕްލަސްގެ ކޯ ފައުންޑަރ މުހަންމަދު ޝާޒްލީ ވިދާޅުވީ ކޮލިފައިންބުރުގައި ވާދަކުރާ ރަށްތަކުގެ ތެރެއިން ޗެމްޕިއަންކަން ހޯދާ ޓީމަށް މާލޭގައި އޮންނަ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބޭނެކަމަށާއި އުންމީދަކީ ކުރިއަށް އޮތް ގޯލްޑު ކަޕަކީ އެފްއޭއެމްގެ އެއްބާރުލުމާއެކު ކުރިއަށްގެންދެވޭ މުބާރާތަކަށްވުންކަމަށެވެ.
”މުލަކުން ދެން ޑިސައިޑްކުރާނެ ކޮން ދުވަހަކުތޯ މުބާރާތް އޮންނާނީ. ދެން ކުރިއަށް ހުޅުވާލީމަ ބައިވެރިވާން ބޭނުންވާ ރަށްރަށުން ބައިވެރިވެގެން ކުރިއަށް ގެންގޮސް މ. އަތޮޅުގެ ޗެމްޕިއަން ޓީމު އެއީ މިފަހަރު ގޯލްޑު ކަޕުގެ ފައިނަލްސްގައި މާލޭގައި ވާދަކުރާ މުބާރާތުގައި ބައިވެރިވާނީ. ދެން ހަމަ މިއާއެކު މިފަހަރުގެ މުބާރާތުގައި އަޅުގަނޑުމެން ވަރަށް އިސްކަމެއް ދެން އެފްއޭއެމް އާ އެކު އެފްލިއޭޓްވެގެން މުބާރާތްކުރިއަށް ގެންދަން" ޝާޒްލީ ވިދާޅުވިއެވެ.
ޝާޒްލީ ވިދާޅުވީ އެފްއޭއެމްއަކީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާކަމަށްވެފައި އެފްއޭއެމްގެ އައު މެނޭޖްމަންޓާ މެދު ކުރެވޭ އުންމީދު ބޮޑުކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތަކީ ފާއިތުވެދިޔަ މުބާރާތަށްވުރެ ހުރިހާ ގޮތަކުންވެސް ފޯރި ގަދަ މުބާރާތަކަށް ހެދުމަކީ ނައިންޓީ ޕްލަސްގެ އަމާޒުކަމަށް ޝާޒްލީ ބުންޏެވެ.
ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މ. އަތޮޅުގެ ކޮލިފައިން ބުރު އޮކްޓޯބަރު މަހު ތެރޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނައިރު ނޮވެމްބަރުމަހުގެ ކުރިން ކޮލިފައިން ބުރުތައް ނިންމާލެވޭނެކަމަށް މުލަކަތޮޅު މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލްވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.
ޖަމާލް ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫހު އާލާކޮށްދޭއިިރު އެކުވެރިކަމާ އެއްބާރުލުންވެސް މިފަދަ މުބާރާތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އާލާވެގެންދާތަން ފެންނަކަމަށެވެ. އަދި މިފަދަ މުބާރާތެއް ބާއްވާކަމަށްޓަކައި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ނައިންޓީ ޕްލަސްއަށް އޭނާވަނީ ޝުކުރު އަދާކުރައްވާފައެވެ.
"މުލަކުގެ ޚާއްސަކޮށް ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ޒުވާނުންގެ ނަމުގައި ހަމަ ގޯލްކަޕު އިންތިޒާމުކުރާ ފަރާތަށް ޝުކުރު ދަންނަވަން. ޚާއްސަކޮށް މީގެ ކުރީގައިވެސް ކުޅެވުނު އެކިއެކި އަތޮޅު މުބާރާތްތަކާ އެފްއޭއެމް އިން އިންތިޒާމުކުރި މުބާރާތްތައްވެސް އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ އަޅުގަނޑުމެންނަށް ރަށްރަށުގައި އޮންނަ އިޖުތިމާއީ ރޫހު ރައްޔިތުންގެ މެދުގައި އާދަޔާޚިލާފަށް ރަނގަޅުވެގެންދާ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެން މިކަމަށް އެންމެ ބޮޑަށް ޝައުގުވެރިވީވެސް އެސަބަބާހުރެ. އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި މި އޮންނަ އެކުވެރިކަމާ އެއްބާރުލުން ވަރަށް ރަނގަޅަށް ފެނިގެންދާ ކަމެއް މި ފުޓުބޯޅައިގެ ތެރެއިން ފެނިގެންދަނީ" މުލަކު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މުލަކަތޮޅުން މިމުބާރާތުގައި ބައިވެރިވާ މިއީ ފުރަތަމަ އަހަރެވެ. ނިމިދިޔަ ގޯލްޑްކަޕު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަވަނީ އައްޑޫ ސިޓީއާއި ބ. އޭދަފުއްޓެވެ. ކާމިޔާބުކަމާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު މި މުބާރާތް ނިންމާލާފައިވާއިރު، އައްޑޫ ސިޓީ އަދި އޭދަފުށި ބައްދަލުކުރި ފޯރި ގަދަ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފަވަނީ ފުޓުބޯޅައަށް މަޝްހޫރު އޭދަފުށިންނެވެ.