ޚަބަރު

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ


  • މިނިވަން ދުވަހާއި ގުޅިގެން ބަންދު ވަނީ މިމަހު 26 އިން ފެށިގެން 28އަށް

  • އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ

މިނިވަން ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ސަރުކާރު ބަންދުވިނަމަވެސް ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާާޅުވީ މިނިވަން ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން 26 އިން ފެށިގެން 28 ވަނަ ދުވަހަށް ސަރުކާރު ބަންދުވިނަމަވެސް، މި ދުވަސްތަކުގައި ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޖުލައި 26 ވަނަ ދުވަހު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށާއި، އަދި ހަމަ އެގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ދުވަސް ކޮޅު ޚިދުމަތް ދެވޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންކަމަށް ވިދާޅުވިއެވެ.

.

އިމިގްރޭޝަނުން ވަނީ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުއްވުމަށް އިލްތިމާސްކޮށްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޖުލައި 27 އަދި 28 ވަނަ ދުވަހު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކަމަށާއި، އަދި ހަމަ އެގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް މިދުވަސްކޮޅު އެދެމުންދާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.