ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ އަދި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން ނިމުނު ހަފުތާގައި ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅު ފެށްޓެވީ ނިމުނު ހޯމަ ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު 13 ރަށަކަށް ވަޑައިގެންނެވިއެވެ.
ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ކަންތައްތަކެއް އިޢުލާންކުރައްވައި، ނިމިފައިވާ ތަންތަން ހުޅުވައިދެއްވާފައެވެ. އެ ގޮތުން ނ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ނ. މަގޫދޫ ބަނދަރުވެސް ހުޅުވައިދެއްވާފައެވެ.
ހަމައެއާއެކު މޫދަށް ޖައްސާ މަތިންދާބޯޓު ނުވަތަ ސީޕްލޭން ޕްލެޓުފޯމެއް ނ. ވެލިދޫގައި ތަރައްޤީކުރައްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވީވެސް މި ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ކަންތައްތަކެއް އިޢުލާންކުރައްވާފައެވެ. އެ ގޮތުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އެންގެވީ ނިމުނު ހަފުތާގައެވެ. އަދި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް އަންގަވާފައިވެއެވެ. އަދި އަމިއްލަ ޚަރަދުގައިދާ ފަރާތްތަކަށް 1000 ޑޮލަރާ ހަމައަށް ދޫކުރުމަށްވެސް ބޭންކުތަކަށް ވަނީ އަންގަވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ދަތުރުފުޅަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް ކުރެއްވި ދަތުރުފުޅެކެވެ.
ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙުމަދު މުޢުތަޞިމް ޢަދުނާން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު ވަނީ 13 އަހަރު ސުޕްރީމް ކޯޓަށް ޚިދުމަތްކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔަރކުރެއްވުމާއެކު އުއްތަމަ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ޓަކައި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އަދި އުއްތަމަ ފަނޑިޔާރު ރިޓަޔަރކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމެވީވެސް ނިމުނު ހަފުތާގައެވެ.
ހަމައެއާއެކު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު އިތުރު 5 އަހަރު ދުވަހަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް ނިމުނު ހަފުތާގައެވެ.
އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު %21 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި ބޭންކު އޮފް މޯލްޑިވްސްގެ 40 ވަނަ ގޮފި ރ. ދުވާފަރުގައި ހުޅުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ހަމައެއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ ނިމުނު ހަފުތާގައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މާލީ ވުޒާރާއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުއެވެ.
މީގެ އިތުރުން ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމެވީ ނިމުނު ބުރާސްފަތި ދުވަހުއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ވޭމަންޑޫގައި ފެށި ޚަބަރު ފާޙަގަކޮށްލެވެއެވެ. އަދި ހަނިމާދޫ އެއަރޕޯޓްގެ އެރައިވަލްގެ ވަޞީލަތްތައް އިންސްޓޯލްކޮށް ޓެސްޓުކުރުމުގެ މަސައްކަތް ފެށިއިރު، އިތުރު ޚިދުމަތްތަކާއެކު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް އިފްތިތާޙުކުރީވެސް ނިމުނު ހަފުތާގައެވެ.
ހަމައެއާއެކު ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ ނިމުނު އާދިއްތަ ދުވަހުއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ދޫކުރި 4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ފްލެޓު ލިބުނު މީހުން ސޮއިކުރަން ފެށީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި ރަށްރަށުގައި ފެށި ޢާންމު ޚިދުމަތްތަކަށް ބަލާލާއިރު، ނ. ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމާއި ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއި ލ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށި ޚަބަރުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު، އޮޑިދޯނިފަހަރު އެހެލާ ބޭލުމަށާއި ފައިބަރު މަސައްކަތަށް ނ. ވެލިދޫން ބިން ހިއްކަން ފެށި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ.