އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ހިއްސާދާރެކެވެ. ރާއްޖެއާއި އިންޑިއާގެ ދިގު މާޒީގައި އުމްރާނީ، އިޤްތިޞާދީ އިޖުތިމާޢީ، ތަޢުލީމީ އަދި ސިއްޙީ ދާއިރާއިން އެކި ބާވަތުގެ އެހީތެރިކަން އިންޑިއާއިންވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.
އާބާދީއާއި ވަޞީލަތުގެ ގޮތުން އިންޑިއާއަށްވުރެ ކުޑަ ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަނީ އެކި ދުވަސްވަރު އެކި ގޮތްގޮތަށް ފޯރުކޮށްދީފައެވެ. އަދި މިހާރުވެސްދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން އިންޑިއާގެ ހިލޭ އެހީއާއި، ލޯނާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން އެކި ވަރުގެ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްގެންދެއެވެ.
އިންޑިއާއިން ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ އެންމެ ބިޔަ އެއް މަޝްރޫޢަކީ ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫޢެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ. މިމަޝްރޫޢަކީ އިންޑިއާގެ ހިލޭ އެހީއާއި އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ ބްރިޖެކެވެ. މިމަޝްރޫޢު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކުރާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ގާތްގަނޑަކަށް 2 ބިލިއަނެއްހާ ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. އިންޑިއާގެ އެހީގައި ތަރައްޤީކުރާ މިމަޝްރޫޢުއާއެކު އުތުރުގެ ރަށްތަކަށް އިޤްތިޞާދީގޮތުން ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޒަމާނީ ކޮންސެޕްޓަކަށް ތަރައްޤީކުރާ މިއެއަޕޯޓުގައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
ހަމަމިއާއެކު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައިވެސް އިންޑިއާގެ އެހީގައިވަނީ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައެވެ. އައްޑޫ ސިޓީގެ އެތެރޭގެ މަގުތަކާއި، 4 ލޭންގެ ޑިޓުއަރ ލިންކް ރޯޑް ނުވަތަ ހަންކެޑެ ބްރިޖް ހެދުމުގެ މަސައްކަތަކީ 1.19 ބިލިއަން ރުފިޔާގެ މަޝްރޫޢެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން 184.3 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މީގެ އިތުރުން ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާ 3 ރަށަށް ބޭނުންވާ 8.3 ހެކްޓަރުގެ މަގު ހިމެނޭހެން ޖުމްލަ 25 ހެކްޓަރުގެ ބިމާއި ހަންކެޑެ ސަރަޙައްދުން 4.72 ހެކްޓަރުގެ ބިންވެސްވަނީ ހިއްކާފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، ގުޅިފަޅުގެ ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްވެސްކުރަނީ އިންޑިއާގެ ލައިން އޮފް ލްރެޑިޓްގެ ދަށުންނެވެ. ހަމަމިއާއެކު އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 28 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓަކީވެސް އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" މަޝްރޫޢު މިހާތަނަށް 3 ފިޔަވައްސަކަށް ބަހާލައިގެންވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެތެރޭގައި ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ބޭނުންވާ ފެރީ ބަނުމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢަކާއި، ރަށްރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކަމާއެކު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމާއި ސިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް އަވަސްކުރުމަށް އެމްބިއުލާންސް ހަދިޔާކުރުން ފަދަ ކަންކަން ހިމެނެއެވެ.
ތާރީޚަށް ބަލާއިރު ރާއްޖޭގެ ސިއްޙީ ނިޒާމުން ފެންނަ ހުރި މައި ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީވެސް ރާއްޖެ ސިއްޙީ ނިޒާމު ތަރައްޤީވެ ކުރިއަރައިދިޔުމުގައި މުހިއްމު މަޝްރޫއެކެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި އައްޑޫގައި ތަރައްޤީކޮށްފައިވާ ޕޮލިސް އެކަޑަމީއަކީވެސް ފާހަގަކޮށްލެވޭ މަޝްރޫއެކެވެ. މީގެއިތުރުންވެސް ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާގެ އެހީތެރިކަން އެކިދާއިރާތަކުން ލިބިގެންދެއެވެ. އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ކޮންމެ މަޝްރޫޢަކުންވެސް ފެނިގެންދަނީ ދެޤައުމުގެ ގުޅުމެވެ. އެހެންކަމުން އިންޑިއާވެފައި ވަނީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާދާރަކަށެވެ.