ދުނިޔެ

އުތުރުކޮރެޔާގެ މިސައިލް ޓެސްޓް ޖަޕާނުން ކުށްވެރިކޮށްފި


އުތުރު ކޮރެޔާއިން އެންމެފަހުން ކުރި މިސައިލް ޓެސްޓް، ޖަޕާނުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މިއަދު ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެޔާއިން ރޭ ވަނީ މެދުރާސްތާގެ ބެލިސްޓީކް މިސައިލެއް ޓެސްޓްކޮށްފައެވެ. އަވަށްޓެރި ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނީ އިރުމަތީ އައްސޭރި ފަށުން ކަނޑާދިމާލަށް އުދުއްސާލި މިސައިލް، އެއްހާސް ކިލޯމީޓަރު ދުރަށް ދަތުރުކޮށް، ވެއްޓިފައިވަނީ ޖަޕާނުގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށްކަމަށެވެ. 

ޝިންޒޯ އަބޭ މިއަދު ވިދާޅުވީ އުތުރު ކޮރެޔާގެ މިއަމަލަކީ ޖަޕާންގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރުވި އަމަލެއްކަމަށާ މިއީ ޤަބޫލުކުރެވޭނެ އަމަލެއްނޫންކަމުގައެވެ. އުތުރުކޮރެޔާއިން މިސައިލް ޓެސްޓް ކޮށްފައިވަނީ އދ ގެ ޤަރާރުތަކަށް ގޮންޖެހުމަށްފަހުކަން ފާހަގަކުރައްވަމުން އަބޭ ވިދާޅުވީ އެކަމުގެ ރައްދު، އެމެރިކާ އަދި ދެކުނު ކޮރެޔާއާ ގުޅިގެން ޖަޕާނުން ދޭނެކަމުގައެވެ.