ޚަބަރު

ހައްދުންމަތީ ބޮޑުމަގުގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވެފައި


ލ.އަތޮޅުގެ 16 ކިލޯ މީޓަރުގެ ދިގު މަގަކީ އަތޮޅުތަކުގެ ޢުމުރާނީ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 30 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

މަގުހެދުމުގެ މަސައްކަތް ކޮށްފައިވަނީ، މަގު ހެދުމުގެ ދާއިރާގައި ޗައިނާގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިކަމުގައިވާ ޖިއާންޒޫ ޕްރޮވިންޝިއަލް ޓްރާންސްޕޮޓޭޝަން އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ.

ލ.ފޮނަދުއިން ފެށިގެން، ކައްދުއާއި، މާންދޫ އަދި ގަމާ ދެމެދު އޮންނަ މި މަގަކީ އެ ސަރަޙައްދުގައި ދިރިއުޅޭ، ހަތް ހާސް ރައްޔިތުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. ހައްދުންމަތީ ބޮޑުމަގުގެ މަސައްކަތް ފަށްޓަވާފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މަގުގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ މެއިމަހު ވަނީ ނިމިފައެވެ. އަދި މަގު ފުރިހަމަކުރުމަށްޓަކައި، ޓްރެފިކް ކުރެހުންތައް ހެދުމާއި، ބައްތި ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

މިދިޔަ ހޯމަދުވަހު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަގުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވާފައެވެ.

" އަތޮޅުތަކުގެ ޢުމުރާނީ ތަރައްޤީއަށްވެސް ސަރުކާރުން ގެންދަވނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ 16 ކިލޯ މީޓަރުގެ ދިގު މަގުގެ މަސައްކަތް ނިމިފައިވާކަން." ހައުސިން މިނިސްޓަރ، ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14674775722347.jpg|ހައްދުންމަތީ ބޮޑު މަގުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، މަގު ހުޅުއްވުމުގެ ރަސްމިއްޔާތު ވަރަށް އަވަހަށް ބޭއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ސެޕްޓެމްބަރު މަހުގެ ތެރޭގައި މިރަސްމިއްޔާތު ބޭއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ލ.އަތޮޅަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ސަރަޙައްދަށް ވުމާއެކު، ޒަމާނީ ފެންވަރަށް މަގު ހައްދަވައިދެއްވުމަކީ އަތޮޅުގެ ތަރައްޤީ ހަލުވިވެގެންދާނެ ކަމެއް ކަމަށް ލ.އަތޮޅު ކައުންސިލުން ފާހަގަކުރައްވައެވެ.

" ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ މީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް މަގު ހެދިގެންދިއުމަކީ. ބައި ގަޑިއިރުގެ ދަތުރުތައް މިހާރު މިވަނީ 10 މިނިޓަށް ކުރުވެފައި. ޚާއްޞަކޮށް މި މަޝްރޫޢާ ގުޅިގެން މި ސަރަޙައްދަށް ހިޖުރަކުރާ މީހުންގެ ޢަދަދު އިތުރުވެ، އަތޮޅުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ." ލ.އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް ޢާމިރު ވިދާޅުވިއެވެ.

ހައްދުންމަތީ ބޮޑު މަގު ހުޅުވުމަށް ލ.އަތޮޅުގައި ބާއްވާ ރަސްމިއްޔާތަކީ އެ އަތޮޅުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ރަސްމިއްޔާތަށް ވާނެކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.