ސިއްހަތު

އއ އަދި އދ އަތޮޅުގައި އެމްއެންޑީއެފުން މެޑިކަލް ކޭމްޕެއް ފަށައިފި


އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ހިންގާ މެޑިކަލް ކޭމްޕެއް އަރިއަތޮޅު އުތުރުބުރި އާއި އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކުގައި ފަށައިފައިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދުން ފެށިގެން މިމަހު 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މެޑިކަލް ކޭމްޕް އއ. އަތޮޅުގެ ތޮއްޑޫ، ރަސްދޫ، މަތިވެރި، އުކުޅަސް، ހިމަންދޫ، ފެރިދޫ، މާޅޮސް އަދި ބޮޑުފޮޅަދޫގައި ކުރިއަށްގެންދާނެއެވެ. އަދި އދ.އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ މަހިބަދޫ، ހަންޏާމީދޫ، އަދި މާމިގިލީގައިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އެމްއެންޑީއެފް މާލޭ އޭރިއާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މިކޭމްޕްގައި ބަލި މީހުން ބަލަމުންދަނީ އެކިދާއިރާތަކަށް ޚާއްޞަވެފައިވާ އިންޑިއާގެ އަސްކަރިއްޔާގެ ޑޮކްޓަރުންގެ ޓީމަކުންނެވެ. މިގޮތުން އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް މި ކޭމްޕްގައި ބަލިމީހުން ބައްލަވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި މެޑިކަލް ކޭމްޕް ކުރިއަށްގެންދާ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.