ދުނިޔެ

ހުޅަނގުގެ ގައުމުތަކުން ޓެރަރިޒަމަށް އެހީތެރިވޭ- އުރުދުޣާން


ހުޅަނގުގެ ގައުމުތަކުން ޓެރަރިޒަމަށް އެހީތެރިވާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ތުހުމަތު ކުރައްވައިފިއެވެ. ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތަށް ހުޅަނގުގެ ތާއީދު ލިބިފައިވާކަމަށް ތުހުމަތު ކުރައްވަމުން އުރުދުޣާން ވިދާޅުވީ ބަޣާވާތް ކުށްވެރިކޮށް ތުރުކީވިލާތުގެ ޑިމޮކްރަސީއާއި ޝަރުޢީ ވެރިކަމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ހުޅަނގުގެ ގައުމުތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.

މިއީ، ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތާ ގުޅިގެން އެމެރިކާއާއި ވިލާތުގެ ގައުމުތައް އަމަލުކޮށްފައިވާ ގޮތުން އެގައުމުތަކާ ދެކޮޅަށް ރައީސް އުރުދުޣާން ޓެރަރިޒަމްގެ ތުހުމަތު ކުރެއްވި ފުރަތަމަ ފަހަރެއްނޫނެވެ. މީގެކުރިންވެސް އުރުދުޣާން ވަނީ ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު ހުޅަނގުގެ ގައުމުތަކަށް ކުރައްވާފައެވެ. ބަޣާވާތާ ގުޅިގެން ތުރުކީވިލާތާއި ހުޅަނގުގެ ގުޅުންތައް ޝައްކު ތަކެއްގެ ތެރޭގައިވާއިރު އަންގާރަ ދުވަހު ދެއްވި ބަޔާނެއްގައި އުރުދުޣާންވަނީ ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ބަޣާވާތުގެ އެންމެހާ ކަންކަން ރޭވީވެސް ގައުމުން ބޭރުގައި ކަމަށް ވިދާޅުވެފައެވެ. 

img:http://s1.psmnews.mv/images/660x400/14692572224696.jpg|އުރުދުޣާން ތުރުކީގެ އަސްކަރިއްޔާގެ އިސްބޭފުޅުންނާއެކު

ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތުގެ ފަހުގައިވާ ކަމަށް އެގައުމުން ތުހުމަތު ކުރަނީ އެމެރިކާގައި ދިރިއުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިއެއްކަމަށްވާ ފަތްހުﷲ ގުލެންގެ މައްޗަށެވެ. މިކަމާބެހޭ ހެކިތައް ތުރުކީ ސަރުކާރުން އެމެރިކާއަށް ފޮނުވާފައިވީނަމަވެސް ގުލެން ތުރުކީވިލާތާ ހަވާލުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް އެމެރިކާއިން އަދި ދީފައެއް ނުވެއެވެ. ގުލެން ތުރުކީ ސަރުކާރާ ހަވާލުކުރުމަށް އެމެރިކާ ފަސްޖެހެމުންދާ މައްސަލާގައި އުރުދުޣާން ވިދާޅުވީ ދެގައުމުގެ ގުޅުންތައްވަނީ ނާޒުކު ފައްތަރެއްގައި ކަމަށާ ގުލެން ހަވާލުނުކޮށްފިނަމަ އެމެރިކާއާއި ތުރުކީވިލާތުގެ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. 

އެމެރިކާއަކީ ދުނިޔޭގެ ބޮޑު ބާރެއް ނަމަވެސް އެމެރިކާއަކީ އެކިކަންކަމުގައި ތުރުކީވިލާތަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ހާލަތުގައި އޮތް ގައުމެކެވެ. ތުރުކީވިލާތަކީ ބޮޑު ގައުމަކަށްވެފައި ތުރުކީ ސިފައިންނަކީ އެމެރިކާ ފިޔަވައި ނޭޓޯގައިވާ އެންމެ ބޮޑު އަދި އެންމެ ބަރުގަދަ ލަޝްކަރަށްވާތީ ތުރުކީވިލާތާއި އެމެރިކާގެ ގުޅުންތައް ގޯސްވެއްޖެނަމަ ނޭޓޯގެ އަސްކަރީ ހަރަކާތްތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަދި މެދުއިރުމަތީގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގައި ތުރުކީވިލާތުގެ އަސްކަރީ ބޭސްތަކުގެ ބޭނުން ކުރަންޖެހޭއިރު ދެގައުމުގެ ގުޅުންތައް ގޯސްވެއްޖެނަމަ މިފުރުސަތުވެސް އެމެރިކާއަށް ގެއްލިގެންދާނެއެވެ. 

img:http://s4.psmnews.mv/images/660x400/14702037460596.jpg|ތުރުކީގެ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެން

ތުރުކީވިލާތުގެ ރިޔާސީ ގަނޑުވަރުގައި އަންގާރަ ދުވަހު ދެއްވި ބަޔާނުގައި އުރުދުޣާންވަނީ ތުރުކީވިލާތުގެ ސިފައިންގެ އޮނިގަނޑު ބަދަލުކުރުމުގެ ކަންތައްވެސް ކުރިޔަށްގެންދަވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އުރުދުޣާން ވިދާޅުވީ ސިފައިންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ނުގެނަސްފިނަމަ ބަޣާވާތުގެ ފަހަތުގައިވާ ކަމަށް ބެލެވޭ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެންއަށް ތާއިދުކުރާ ފަރާތްތަކުން ސިފައިންގެ ތެރެއަށް ބާރާއި ނުފޫޒު ހިންގައިގެން ބަޣާވާތް ގެންނަން އަނެއްކާވެސް މަސައްކަތް ކުރާނެކަމަށެވެ. 

ތުރުކީވިލާތުގެ ސިފައިންގެ މިހާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނަސް އެމުއައްސަސާ އިސްލާޙު ކުރުމުގެ މަސައްކަތްއެގައުމުގެ އަސްކަރީ އެންމެ މަތީ ކައުންސިލުން ވަނީ ފަށާފައެވެ. މިއިސްލާޙުގެ ދަށުން އަސްކަރީ ކައުންސިލުން ވަނީ ސިފައިން ތަމްރީންކުރުމަށް މިހާރު ގާއިމްކޮށްފައިވާ އަސްކަރީ ސްކޫލްތަކާއި އެކަޑަމީތައް އުވާލައި ގައުމީ ދިފާއާބެހޭ އައު ޔުނިވަރސިޓީއެއް އުފެއްދުމަށްވެސް ނިންމާފައެވެ.