ޚަބަރު

ސިފައިންގެ ފްލެޓްތައް އަންނަ އަހަރު ނިމޭނެ- މިނިސްޓަރ


ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށްޓަކައި ހުޅުމާލޭގައި ޢިމާރާތްކުރައްވަމުން ގެންދަވާ 330 ފްލެޓްގެ މަސައްކަތް 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވީ އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެމަނިކުފާނު މަޤާމާ ހަވާލުވިއިރު، ފްލެޓްތަކުގެ މަސައްކަތް ހުރީ ހުއްޓިފައިކަމަށާއި، ނަމަވެސް ސަރުކާރުން ވަނީ އޭރު ދިވާމެފައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވާ، ފްލެޓްތަކުގެ ޢަމަލީ މަސައްކަތް އަލުން ފަށާފައިވާކަމަށެވެ. އަދި ކުރިން 300 ފްލެޓް ހެދުމަށް ޑިޒައިން ކުރެވުނު ނަމަވެސް މިހާރު 330 ފްލެޓް ހެދިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރު މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14669591073591.jpg|"ސިފްކޯ ހިޔާ" 300 ފްލެޓްގެ ޢަމަލީ މަސައްކަތްތައް ޑިފެންސް މިނިސްޓަރު ބައްލަވާލައްވަނީ - ފައިލް ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފައްޓަވާފައިވަނީ 2013 ވަނަ އަހަރުއެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މިހާރު ވަނީ އަނެއްކާވެސް މަސައްކަތްތައް ފަށާފައެވެ. ސިފްކޯ ހިޔާގެ 300 ފްލެޓްގެ ތެރެއިން 300 ފްލެޓަކީ، އެ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާ ނިމިފައިވާ ފްލެޓަތަކެކެވެ. ފްލެޓް ލިބިފައިވާ ސިފައިންގެ ޢާއިލާތަކުގެ ކަންބޮޑުވުން އޮތީ، މަސައްކަތް ކުރިއަށްގެންދިޔަ ކުންފުނިން މަސައްކަތް ކުރުމުގައި ލަސްތަކެއް ކުރިމަތިވެ، ކަނޑައެޅުނު ތާރީޚަށް މަސައްކަތް ނިމިފައިނުވުމުންނެވެ.

ނަމަވެސް މީގެ ހަތަރު ވަރަކަށް މަސް ކުރިން، ޑިފެންސް މިނިސްޓްރީން ވަނީ މި މަސައްކަތް ކުރުމަށް އައިލެންޑް އެކްސްޕާޓް ކުންފުންޏާ ހަވާލުކުރައްވާފައެވެ. އެކުންފުނިން މަސައްކަތް ފެށިތާ ދެތިން މަހުގެ ތެރޭގައި، ފްލެޓްތަކުގެ ފައުންޑޭޝަންގެ ބޮޑު ބައެއް މިހާރުވެސް ވަނީ ނިމިފައެވެ.

ފްލެޓްގައި 3 ޢިމާރާތެއް ހިމެނޭއިރު، ކޮންމެ ޢިމާރާތެއްގައި 110 ފްލެޓް ހިމެނެއެވެ. ޢަމަލީ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ދެ ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތްވަނީ ނިމިފައެވެ. ދެން އޮތް ބައިގެ މަސައްކަތް 10 ދުވަސް ތެރޭ ނިމޭނެ ކަމަށް އައިލެންޑް އެކްސްޕާޓުން މައުލޫމާތުދެއެވެ.