ޚަބަރު

ކާވާ ޗެމްޕިއަންސް ލީގު: ލަންކާގެ ޕޯޓްސް އޮތޯރިޓީ ހަތަރުވަނައަށް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ރާއްޖޭގެ ކުލަބު އެޗްޑީސީ ބަލިކޮށް، ސްރީ ލަންކާގެ ޕޯޓްސް އޮތޯރިޓީން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ލަންކާ ޕޯޓްސްގެ ޓީމު މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ލަންކާ ޓީމުން ކާމިޔާބުކުރީ 21-25 އިންނެވެ. ދެވަނަ ސެޓުގައި އެޗްޑީސީން ނަތިޖާގެ ފަރަގު ކުޑަކުރިއިރު މި ސެޓު އެޓީމުން ކާމިޔާބުކުރީ 23-25 އިންނެވެ. ފަހު ސެޓު ލަންކާ ބޮޑު ފަރަގަކާ އެކު ލަންކާ ޓީމުން ކާމިޔާބުކުރީ 15-25 އިންނެވެ.

މިއީ ލަންކާ ޓީމުން މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ. މި ނަތީޖާއާއެކު އެޗްޑީސީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ. އަދި ލަންކާ ވަނީ ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނައިގައި 11 ޕޮއިންޓާއެކު ބިޝްކެކް އޮތްއިރު ދެވަނައިގައި ޒައިކް އޮތީ 10 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ހެލްޕް ނޭޕާލް އޮތީ އަށް ޕޮއިންޓާއެކުއެވެ.

ލީގުބުރު ނިމިގެންދާއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު މުބާރާތުގައި ފައިނަލުގައި ކުޅޭއިރު ލީގު ބުރުގެ ފަހު މެޗުތަށް ކުޅުމަށް ހަމަޖެހިފަވަނީ މިއަދުއެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.