މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވުމުގެ ސަަބަބުން ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގަމުންދާއިރު، އެކަންކަމަށް އާއްމުން ހޭލުންތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.
ފުލުހުންގެ ފަރާތުން މިހާރު ފައްޓަވާފައިވާ އެންމެ މުހިއްމު މަސައްކަތަކީ މަގުތަކަށް ނިކުމެ، ސީދާ އުޅަނދުތައް ދުއްވާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެވެ.
މި މަސައްކަތުގެ ތެރެއިން ފުލުހުން ގެންދަވަނީ ތަފާތު އެކި ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން މީގެކުރިން ހިނގާފައިވާ އެކްސިޑެންޓްތައް ފެންނާނެގޮތަށް ސިނާރިއޯ ބޭސްޑް އެކްސައިޒްތައް އިއްޔެ ވަނީ ހިންގަވާފައެވެ. މިއަދު ކުރިއަށްގެންދިޔައީ މީގެކުރިން ހިނގާފައިވާ އެކްސިޑެންޓްތަކުގެ ފޮޓޯ ހިމެނޭ ޕްރެޒެންޓޭޝަންތަކާއެކު އެކްސިޑެންޓްތަކުގެ ނުރައްކާ ބާރަށް ދުއްވާ މީހުންނަށް ކިޔައިދިނުމުގެ ހަރަކާތެކެވެ.
ފުލުުހުން މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ހުއްޓުވި މީހުންނަކީ ޤާނޫނުގައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވި މީހުންނެވެ. އެ މީހުން ހުއްޓުވުމަށްފަހު ފުލުހުން ވަނީ މީގެކުރިން ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ފޮޓޯއާއި މައުލޫމާތުތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ކިޔައިދީ، އެކަމަށް ހޭލުންތެރިކުރުވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެންޑް އެވެއާނަސް، ސުޕްރިންޓެންޑެންޓް އަހުމަދު ފަސީހް ވިދާޅުވީ މަގުތައް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ދާއިމީ ގޮތެއްގައި ކުރިއަށްގެންދަވާނޭކަމަށެވެ. އަދި މި ޕްރޮގްރާމް މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދަވާއިރު، މަގުމަތި ބޭނުންކުރާ މީހުންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަރަކާތްތައް ހިންގެވުމަށް ހަމަޖެހިފައިވާކަމަށް ފަސީހް ވިދާޅުވިއެެވެ.
ފަސީހް ވިދާޅުވީ މީގެކުރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާފައިވީނަމަވެސް، ބާރަށް ދުއްވާ މީހުންނަށް އާމަޒުކޮށްގެން ހިންގާ މިއީ ފުރަތަމަ ޕްރޮގްރާމްކަމަށެވެ.
"އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތައް ބުނެދީ، ބާރަށް ދުއްވުމުގެ ނުރައްކާތެރިކަން މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކަށް ބުނެދެމުން އަޅުގަނޑުމެން މި އަންނަނީ. ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމެއް އެބަ ލިބޭ، އަދި މިގޮތަށް ބުނެދިނީމަ އެބޭފުޅުންނަށް އެކަން ވިސްނިގެން ހަމަ އަޅުގަނޑުމެންނަށް މިއީ ރަނގަޅު ކަމެއްކަން ފާހަގަކޮށް ވާހަކަ ދެކެވިފަ އެބަހުރި." ފަސީހް ވިދާޅުވިއެވެ.
މަގުތައް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށްގެން ފުލުހުން ހަރަކާތްތަކެއް މިފަހަރު ފައްޓަވާފައި މިވަނީ މިފަހުން މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. މީގެތެރެއިން ބައެއް އެކްސިޑެންޓްތަކުގައި ބައެއް މީހުންނާއި ކުޑަކުދިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ބައެއް މީހުން ވަނީ މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ.