ޚަބަރު

ޢަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލައިފި


  • ޢަބްދުއްރަޙްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް

  • ޢަބްދުއްރަޙްމާން ނިޔާވީ މިމަހުގެ 13 ވަނަ ދުވަހު

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް މިއަދުގެ ވަގުތެއްގައި އިންޑިއާގެ ތްރިވަރަންތަޕުރަމަށް ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވިއެވެ.

ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ.

އެރަށުން މައުލޫމާތު ދިން މީހާ ކިޔައި ދިން ގޮތުގައި ބޮޑަށް އަނިޔާ ދީފައިވަނީ އޭނާގެ ބޮލަށެވެ. އަދި މިހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ އެރޭ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.