ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ޒައިކް ބަލިކޮށް ހެލްޕު ނޭޕާލުން ފައިނަލުގެ އުންމީދު ބޮޑުކޮށްފި


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި 3-2 ސެޓުން ޒައިކް ވީސީ ބަލިކޮށް ހެލްޕު ނޭޕާލް ސްޕޯޓްސް ކުލަބުން ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ސެޓު ހެލްޕު ނޭޕާލުން ކާމިޔާބުކުރީ 25-22އިން ނެވެ. އެހެންނަމަވެސް ޖެހިގެން އައި ދެ ސެޓުވެސް ޒައިކް ވީސީއިން ކާމިޔާބުކޮށް މެޗުގެ އުންމީދު ބޮޑުކުރިއެވެ. ދެވަނަ ސެޓު ފަސޭހަކަމާއެކު 25-18ގެ ފަރަގަކުން އެޓީމުން ގެންގޮސްފަވާއިރު ދެވަނަ ސެޓު އެޓީމުން ކާމިޔާބުކޮށްފަވަނީ 25-23ގެ ކުޑަ ތަފާތަކުންނެވެ.

ޒައިކު ވީސީއިން މި ދެ ސެޓު ނެގުމާއެކު ހެލްޕު ނޭޕާލުންވަނީ ހިތްވަރާއެކު ނުކުމެ ފަހު ދެ ސެޓު ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު ހެލްޕު ނޭޕާލުން ގެންގޮސްފަވަނީ 25-18 އަދި 15-11 އިންނެވެ.

މިއަދުގެ މެޗުން ހެލްޕު ނޭޕާލުން ހޯދި މޮޅާއެކު އެޓީމުންމިވަނީ އަށް ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް އަރާފައެވެ. ތާވަލުގެ އެއްވަނައިގަ ދިހަ ޕޮއިންޓާއެކު ޒައިކު އޮތްއިރު، ދެވަނައިގަ ހެލްޕު ނޭޕާލުގެ އިތުރުން ދެން އޮތީ އަށް ޕޮއިންޓު ހޯދައިގެން ކިރްގިސްތާނުގެ ބިޝްކެކްއެވެ. އަދި ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ ތާވަލުގެ ތިންވަނައިގަ އޮތް އިރު އެޓީމަށް ލިބިފަވަނީ ތިން ޕޮއިންޓެވެ.

ލީގު ބުރުގެ ފަހު މެޗުތައް މާދަމާއަށް ތާވަލުކޮށްފަވާއިރު މާދަމާ ފުރަތަމަ މެޗުގައި ނިކުންނާނީ ހެލްޕު ނޭޕާލާ ދެކޮޅަށް ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީއެވެ. އަދި ފަހު މެޗުގައި ބިޝްކެކުން ނުކުންނާނީ ޒައިކްއާ ދެކޮޅަށެވެ.

ކާވާ މެންސް ޗެމްޕިއަންސް ލީގު 2025ގެ ފައިނަލުގައި ކުޅޭނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ހޯދާ ދެޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ކަނޑައެޅުމަށް ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.