އައްޑޫ ސިޓީގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ފުރާޅުގައި 620 ކިލޯ ވޮޓުގެ ސޯލާ ޕެނަލް ހަރުކުރައްވައިފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި، އެއް ފުރާޅެއްގައި އެންމެ ގިނަ ސޯލާ ޕެނަލް ހަރުކުރެއްވި އިމާރާތެވެ.
ސާފުހަކަތަ އުފެއްދުމަށް އައްޑޫސިޓީގައި ހިންގަވާ މަޝްރޫޢުގެ ދަށުން އައްޑޫސިޓީގައި ގުޅިފައިވާ ރަށްތަކުގައި 1.6 މެގަ ވޯޓްގެ ސޯލާ ޕެނަލް ހަރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އިކުއެޓޯރިއަލް ކޮންވެންޝަންގެ އިތުރުން، ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، އަދި އައްޑޫ ހައިސްކޫލްގައި މިހާތަނަށް ސޯލާ ޕެނަލް ހަރުކުރައްވާފައިވެއެވެ.
img:http://s3.psmnews.mv/images/660x400/14701516173066.jpg|އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައި- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީންވެސް ވަނީ އައްޑޫގައި ކުރިއަށްގެންދަވާ ސާފު ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ދަށުން އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހަރުކުރެވުނު ސޯލާ ޕެނަލްތަކަކީ ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އައްޑޫގައި ކުރިއަށްގެންދަވާ މަޝްރޫއު އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ސޯލާ ޕެނަލްތައް ކަރަންޓް ވިއުގަޔާ ގުޅޭލެވޭނެކަމަށް މަތީން ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/14701516432802.jpg|އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައި- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
އައްޑޫ ސިޓީގައި ކުރިއަށްގެންދަވާ މަޝްރޫޢު ނިމޭއިރު، އެ ސިޓީގައި ދުވާލުގެ ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓްގެ 30 ޕަސެންޓް ސޯލާއިން އުފައްދާ ކަރަންޓަށް ބަދަލުވެގެން ދާނެކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ތެލަށް ކުރަންޖެހޭޚަރަދު ކުޑަކޮށް، ތިމާވެއްޓާ ރަޙްމަތްތެރި ގޮތެއްގައި ޢިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އޭޝިޔަން ޑިވްލޮޕްމަންޓް ބޭންކުގެ އެހީގައި ސަރުކާރުން ހިންގަވާ މަޝްރޫޢެކެވެ.