ކުޅިވަރު

10 ނަންބަރެއް ނޫން، ޑި ބްރޭނާއަށް 11


އިޓަލީގެ ކުލަބު ނާޕޮލީގައި ކެވިން ޑި ބްރޭނާ ބޭނުންކުރާނީ 11 ނަންބަރު ކަމުގައި ހަމަޖައްސައިފިއެވެ.

މިކަން ކަށަވަރުވީ ޑި ބްރޭނާ ޕްރެކްޓިހުގައި 10 ނަންބަރު ބޭނުންކުރުމުން އޭނާ އިޓަލީގެ ޗެމްޕިއަން ޓީމުގައި ލާނީ 10 ނަންބަރު ކަމުގައި ވަރަށް ގިނަ ބަޔަކު ޔަގީންކޮށްގެން ތިއްބައެވެ.

ނާޕޮލީގެ 10 ނަންބަރު ހާއްސަ ކޮށްފައިވަނީ އެ ކުލަބުގެ ލެޖެންޑް އަދި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ އަށެވެ. މިހެންވެ ބެލްޖިއަމްގެ މިޑްފީލްޑަރު ބުނީ ޕްރެކްޓިހުގައި 10 ނަންބަރު ބޭނުން ކުރި ނަމަވެސް އެ ނަންބަރަކީ މަރަޑޯނާގެ ނަންބަރު ކަމަށެވެ. އަދި އޭނާ ބޭނުންވަނީ އެއްވެސް ކުޅުންތެރިއެއްގެ ހިޔަނީގައި މަސައްކަތް ކުރުމަށްވުރެ ބޮޑަށް އަމިއްލަ ވަންތަ ގޮތަކަށް އުޅެން ކަމަށާއި 11 ނަންބަރ އިހްތިޔާރު ކުރީ އެހެންވެ ކަމަށެވެ.

"މަރަޑޯނާ އަކީ މަރަޑޯނާ. އޭނާ އަކީ މި ކުލަބުގެ ލެޖެންޑެއް. އޭނާގެ 10 ނަންބަރު ޕްރެކްޓިހުގައި ލާން ލިބުމުން އަހަރެން ވަރަށް އުފާވި. އެ ޖާޒީގެ ބަރުދަނަ އަހަންނަށް އިހުސާސް ކުރެވުނު. ނަމަވެސް އަހަރެން ބޭނުންވަނީ އަހަރެންގެ ގޮތުގައި ކުރިއަށް ދާން،" ޑި ބްރޭނާ ބުންޏެވެ.

މެންޗެސްޓާ ސިޓީ އަށް 10 އަހަރު ކުޅުމަށް ފަހު އިޓާލިއަން ލީގަށް ބަދަލުވި ކުޅުންތެރިޔާ ބުނީ ނަންބަރަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް ބައެއް ފަހަރު ކަންކަން ތަފާތު ގޮތަކަށް ކުރުމަކީ ވެސް ކުރިއެރުމެއް ކަމަށެވެ.

އުމުރުން މިހާރު 33 އަހަރުގެ ކުޅުންތެރިޔާ ބުނީ ނާޕޮލީ އަކީ އިޓަލީގެ ޗެމްޕިއަން ޓީމުގައިވި ނަމަވެސް އެ ޓީމު އަދިވެސް އަންނަނީ ކުރިއަރަމުން ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ސްކޮޑުގައި އެބަހުރި ކަމަށެވެ. އަދި އޭނާ އުއްމީދު ކުރަނީ ނާޕޮލީގައި ރަނގަޅު ކުޅުމެއް ދައްކައި ކުލަބަށް އިތުރު ކާމިޔާބީ ހޯދައިދެވޭނެ ކަމަށެވެ.