މުނިފޫހިފިލުވުން

ފަންނާނުންގެ މިއުޒިކީ ޢީދު ކާމިޔާބުކަމާއެކު ނިންމާލައިފި


މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދުގެ ޙަރަކާތްތައް ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ. 

ފަންނާނުންގެ މިއުޒިކީ ޢީދުގެ ޝޯވްގައި، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ އިތުރުން ޒުވާނުންގެ ތެރޭގައި މަޤްބޫލް ބޭންޑްތަކުގެ ހުށައެޅުންތައް ފެނިގެން ގޮސްފައިވެއެވެ. އަދި މިޝޯވްއިން މޯލްޑިވިއަން އައިޑޮލްއިން ޢާއްމުންގެ މަޤްބޫލުކަން ހޯދި ފަންނާނުންގެ ހުނަރު ފެނިގެން ގޮސްފައިވެއެވެ. އަދި ބޮޑުބެރު ގުރޫޕްތަކުގެ ހުށައެޅުންތައް ވެސް މިޝޯވްއިން ފެނިގެން ގޮސްފައިވެއެވެ. 

މިނިވަންދުވަހާއި ގުޅުވައިގެން 3 ރޭ ކުރިޔަށް ގެންދިޔަ މިޝޯވްއަށް ޢާންމުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް ޝޯ އިންތިޒާމު ކުރިފަރާތުން ވިދާޅުވެއެވެ. ފަންނާނުގެ މިއުޒިކީ ޢީދަކީ، މީގެ ކުރިންވެސް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ ޝޯވްއެކެވެ. 

img:http://s2.psmnews.mv/images/660x400/14697704353783.jpg|ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވއަށް ގޮސްތިބި އާއްމުންގެ ބަޔަކު

އަށްޑިހައިގެ އަހަރުތަކުން ފެށިގެން ކޮންމެ އަހަރެއްގެ މިނިވަން ދުވަހާ ދިމާކޮށް ވަރަށް ކުލަގަދަކޮށް ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދު ބާއްވަވަމުން ގެންދަވާފައިވެއެވެ. 

ރާއްޖޭގައި މިޔުޒިކް ކުރިއަރުވައި ތަރައްޤީކުރުމުމުގައި މި ޝޯވް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ރާއްޖޭގެ ގިނަ ބޭންޑަތަކަށް ފުރުޞަތު ދެއްވައިގެން ބާއްވަވަމުން ގެންދެވި ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދު ހިމެނިފައިވަނީ ކުޅަދާނަ ފަންނާނުން އުފެއްދި އަދި ހުނަރުވެރި ފަންނާނުންނަށް މަޝްހޫރުކަމާއި މަޤްބޫލްކަން ހޯދައިދިން ޙަރަކާތެއްގެ ގޮތުގައެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދަކީ މިނިވަން ދުވަހުގެ ޚާއްޞަ ޕްރޮގްރާމްގައި ހިމަނުއްވައިގެން ޕަބްލިކް ސަރވިސް މީޑިއާއާއި ހޯމް މިނިސްޓްރީ ގުޅިވަޑައިގެން ބޭއްވެވި ޚާއްޞަ ޝޯވްއެކެވެ.