ޚަބަރު

ސީލައިފްގެ ފްލެޓްތަކަށް ނަން ނޯޓްކޮށްފިންތަ؟


ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 3000 ފްލެޓްގެ ތެރެއިން 400 ފްލެޓް މިހާރުވެސް ވިކިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދު ވިދާޅުވީ، ސީލައިފުން ހުޅުމާލޭގައި ހަދާ ފްލެޓްތަކަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަށާއި އެހެންކަމުން ފްލެޓްތައް އިމާރާތްކުރުމުގެ ކުރިން ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި 400 ފްލެޓް ވިއްކުމަށްފަހު، އެކަން ވަގުތީގޮތުން ހުއްޓާލައިފައި އޮތުމަށްފަހު މިއަދުން ފެށިގެން ފްލެޓަށް އެދި ނަން ނޯޓް ކުުރުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފްލެޓްތަކަށް އެދި ނަން ނޯޓް ކުރުން ކުރިއަށްދަނީ (ހަތް ނަމްބަރު ޖެޓީ ކުރިމަތި) ހެންވޭރު ބީޗް ޓަވަރުގެ 4 ވަނަ ބުރީގައި ކަމަށް އަޙްމަދު ފާހަގަކުރެއްވިއެވެ. 

ސީލައިފުން އިއްޔެވަނީ އެކުންފުނިން އިމާރާތްކުރާ 3000 ފްލެޓްގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ބައިގައި ހިމެނޭ 350 ފްލެޓް ހެދުމަށް ލަންކާގެ އެންމެ ބޮޑު ކޮންޓްރެކްޓަރ ކަމަށްވާ ކޮރަލް ހޯލްޑިންގސް އާއެކު އެގްރިމެންޓްގައި ސޮއިކޮށްފައެވެ. އެގްރިމެންޓްގައިވާ ގޮތުން 18 މަސް ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ނިންމަން ޖެހެއެވެ. 

ސީ ލައިފްގެ އަމާޒަކީ 2018 ވަނަ އަހަރަށް 3000 ފްލެޓްގެ ޢަމަލީ މަސައްކަތް ނިންމުން ކަމަށް އެ ކުންފުނިން ބުނެއެވެ. ފުރަތަމަ ފިޔަވަހީގެ ދެވަނަ ބަޔާއި، ތިން ވަނަ ބައިގެ ފްލެޓްތައް ހެދުމަށް ޗައިނާގެ ކޮންޓްރެކްޓަރަކު ހަމަޖައްސާފައިވާ ކަމަށާއި، އެ ކުންފުންޏާއެކު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ސޮއިކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

އަޙްމަދު މޫސާ ވިދާޅުވީ، ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ދިމާވެދާނެ މާލީ ދަތިކަން ޙައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ބޭރުގެ ބޭންކްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނާ ކުރިމަތިވާ އެންމެ ބޮޑު ސުވާލަކީ ފްލެޓްތަކުގެ އަގުތަކުގެ މައްސަލައާއި، ބޭންކުން ލޯން ނަގައިގެން ބޮޑު އަދަދެއް ބޭންކަން ދައްކަން ޖެހޭ ކަމުގެ ޝަކުވާ. އެކަމަށް ޙައްލު ހޯދައިދޭން އަޅުގަނޑުމެން މިދަނީ ރާއްޖޭގެ ބޭންކުތަކާއެކު މަޝްވަރާ ކުރަމުން. އަދި ލަަންކާގެ ބޭންކުތަކާއެކުވެސް މަޝްވަރާތައް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ ރައްޔިތުންގެ ޖީބަށް ވީހާވެސް ލުއިވާނެ ގޮތަކަށް، ހެޔޮ އަގެއްގައި ފްލެޓްތައް ދޫކޮށްލުން." އަޙްމަދު މޫސާ ވިދާޅުވިއެވެ. 

ސީ ލައިފުން ހުޅުމާލޭގައި ހަދަމުންދަނީ މެދު ފަންތިއާއި މަތީ ފަންތީގެ ފްލެޓްތަކެކެވެ. 900 އަކަފޫޓްގެ ފްލެޓެއްގެ އަގު އެެވްރެޖްކޮށް އުޅެނީ 2.5 މިލިއަން ރުފިޔާއަށެވެ. ނަމަވެސް މަތީ ފަންތީގެ ފްލެޓްތަކުގެ އަގުތައް 30 މިލިއަނާ ހިސާބަށް ހުރިކަން ފާހަގަކުރެވެއެވެ. 

ސީ ލައިފުން ހުޅުމާލޭގައި 3000 ފްލެޓް ހެދުމަށް ބިންގާ އަޅުއްވާފައިވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ، ނަމަވެސް ދިމާވި މައްސަލަތައް ޙައްލުކޮށް ޢަމަލީ މަސައްކަތް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް އެޗް.ޑީ.ސީން ދީފައިވަނީ މިދިޔަ ޖޫން މަހުގައެވެ.