ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް ރ. އަތޮޅުގައި ފަށައިފިއެވެ. މިއީ އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 3 ވަނަ ޕްރޮގުރާމެވެ.
"އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް ރ. އަތޮޅުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގަައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޝަމްޢާން ވިދަޅުވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިދޭއިރު، މަޢުލޫމާތުގެ ތެދު ދޮގު ވަކިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ހޭލުންތެރިކުރުމުގެ މި ޕްރޮގުރާމްގެ ތެރެއިން ޚަބަރުތަކުގެ ތެދު ދޮގު ދެނެގަންނާނެ ގޮތްތައް ކިޔައިދެވޭނެކަމަށް ޝަމްޢާން ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައްޔިތުން ހޭލުންތެރުވާންޖެހޭ މުހިންމު ދާއިރާތަކަކަށް އަލިއަޅުވާލެވޭނެކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ. އެ ގޮތުން ހައްދުފަނައަޅައި ދާ މީހުންނާ މެދު ވިސްނުން ބަހައްޓަންޖެހޭ ގޮތާއި ދިވެހިބަހާ މެދު ހޭލުންތެރިކުރުމަށް ޚާއްސަ ސެޝަންތަކެއް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ދާއިރާއަކުންވެސް ސެޝަންތައް ނަންގަވައިދެއްވާނީ ފުންނާބުއުސް ލެކްޗަރަރއިންކަމަށް ޝަމްޢާން ވިދާޅުވިއެވެ.
"މުޅި މުޖުތަމަޢު ޝާމިލުވާ ގޮތަށް ވަށާ ޖެހޭ ގޮތަކަށް ޕްރޮގުރާމް ކުރިއަށްދާނީ. ތަފާތު މަޢުޟޫތަކަށް ސެޝަންތައް ނަގައިދޭއިރު، ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެ" ޝަމްޢާން ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމަކީ ނޫސްވެރިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރިޢާޔަތްކޮށްގެން މީޑިއާއާ ބެހޭ ތަމްރީން ދިނުމަށްޓަކައި ހިންގާ ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމްގެ މަޤުޞަދަކީ ފެތުރެމުންދާ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރ. އަތޮޅުގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި ރ. އަތޮޅުގެ 13 ރަށަކާއި ނ. އަތޮޅު ހޮޅުދޫއިން ޖުމުލަ 37 މީހުން ބައިވެރިވެއެވެ. ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވެއެވެ.