ޚަބަރު

އައު ސްކޫލުގައި ކިޔަވައިދޭނެ މުދައްރިސުންނާއި ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ތަޢުލީމީ ވުޒާރާ


  • މިހާރު ކުރަމުންދަނީ ސްކޫލްގެ ފިނިޝިންގ މަސައްކަތް

  • އެ ސްކޫލްއަށް ދުރާލާ ޕްރިންސިޕަލެއް ހަމަޖައްސާނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އައު ސްކޫލްގައި ކިޔަވައިދޭނެ މުދައްރިސުންނާއި ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އަލަށް ތަރައްޤީކުރާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ނިންމާ، އަންނަ ޖެނުއަރީ މަހު ފަށާ ދިރާސީ އައު އަހަރާއެކު ކިޔެވުން ފެށުމަށް ވަނީ ނިންމާފައެވެ. މި ސްކޫލްއަށް ދީފައިވާ ނަމަކީ "ޝަހީދު ޢަލީ ސްކޫލް"އެވެ.

ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ އައު ސްކޫލްއަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަމަށެވެ. އެގޮތުން ސްކޫލް ހުޅުވުމުގެ ކުރިން ސްކޫލްގެ ޕްރިންސިޕަލާއި، ޑެޕިއުޓީ ޕްރިންސިޕަލް ހަމަޖައްސައްސަވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ސްކޫލަށް ކުދިން ވެއްދުމުގެ މަސައްކަތުގެ އިތުރުން ސްކޫލްގެ އެހެނިހެން މަސައްކަތުގައި ބައިވެރިވެ ސްކޫލްގެ ކަންތައްތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތު ލިބޭނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލްގެ އިމާރާތުގެ މަސައްކަތް ނިންމުމަށްފަހު އެ ވުޒާރާއާ ހަވާލުކުރުމުން އެތެރޭގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މުޅި ސްކޫލަކީ އޭސީކޮށްފައިވާ ސްކޫލެއް. އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ޒަމާނީ ސްކޫލަކަށް ވާނެ. ބޭނުމަކީ އެ ސްކޫލަށް ވައްދަނީ ކިތައް ކުދިންކަން، ކިތައް ސްޓާފުންކަން، އެތަނުގެ ކަންކަން އޮންނާނެ ގޮތް މާ ދުރާލާ އެނގި ސްކޫލް ހިންގުމަށްޓަކައި ފަސޭހަވާނެތީވެ." ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދު ވިދާލުވިއެވެ.

ހުޅުމާލެ ދެވަނަފިޔަވަހީގައި ތަރައްޤީ ކުރާ އައު ސްކޫލާއެކު މިހާރު އެތަނުގައި ހުރި ޞަލާހުއްދީން ސްކޫލަށް އޮތް ބާރު ކުޑަވާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސްކޫލަށް ކުދިން ވައްދާއިރު ރާއްޖޭގެ ތަޢުލީމީ ނިޒާމްގައި ކޮންމެ ކްލާހެއްގައި ތިބެންޖެހޭ ކަމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް އެއްވެސް ކުއްޖަކު ނުވައްދާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އައު ސްކޫލާއެކު ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ކިޔަވާ ދަރިވަރުންވެސް އައު ސްކޫލާއި، ޞަލާހުއްދީން ސްކޫލަށް ބަދަލުވުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ އައު ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓާވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލްގެ މަސައްކަތްތައް ކުރިއަށްގޮސްފަވާ ހިސާބަށް ބަލާއިރު، މުޅި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ. މަޝްރޫޢުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.

އައު ސްކޫލަށް ކުދިން ވެއްދުމަށް އެކަމަށް އެދުމަށް މިދިޔަ ޖޫން މަހު ވަނީ ހުޅުވާލާފައެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރާ ސްކޫލެކެވެ. ސްކޫލްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ.